ވިޔަފާރި

އެމްއައިބީގެ އެޕުން ފިތުރު ޒަކާތް ދައްކާލެވޭނެ

މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ)ގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އެ ބެންކުން ހުޅުވާލައިފި އެވެ.

އެމްއައިބީއިން ބުނީ އެ ބެންކުގެ ކަސްޓަމަރުންނަށް ފިތުރު ޒަކާތް ވަރަށް ފަސޭހަ ކަމާއެކު ދެއްކޭނެ މަގު ފަހިކޮށްދީފައިވާ ކަމަށާއި އެގޮތުން އެމްއައިބީގެ މޮބައިލް ބެންކިން ސާވިސް އެޕްލިކޭޝަނެއް ކަމަށްވާ "ފައިސާ މޮބައިލް" މެދުވެރިކޮށް އައިއޯއެސް އަދި އެންޑްރޮއިޑް ފޯން ބޭނުން ކުރާ ފަރާތްތަކަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ހަދާފައިވާ ކަމަށެވެ.

ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި އެޕްލިކޭޝަން މެދުވެރިކޮށް އަމިއްލަ މީހާއަށާއި އެހެން މީހުންނަށް ވެސް ޒަކާތް ދައްކުވައިދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްއައިބީ އިން ބުންޏެވެ.

އެޕްލިކޭޝަންގެ އިތުރުން އެމްއައިބީގެ އިންޓަނެޓް ބެންކިން މެދުވެރިކޮށާއި "ފައިސާ ޕީއޯއެސް" މެޝިނުތައް ބޭނުންކޮށްގެން އަދި އެ ބެންކުގެ މައި ބްރާންޗުން ވެސް ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށް އެމްއައިބީ އިން ބުންޏެވެ.