ވިޔަފާރި

އިސްލާމިކް ބޭންކުގެ "ފައިސާ ކާޑުން" ހާއްސަ ޕްރޮމޯޝަނެއް

Oct 17, 2018

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ "ފައިސާ ކާޑު" އިން އެންމެ ގިނައިން ވިޔަފާރިކުރާ ފަރާތްތަކަށް ގިނަ އިނާމުތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ފައިސާކާޑުން ކަނޑާލާ" ގެ ނަމުގުގައި ފެށި މި ޕްރޮމޯޝަންގެ މައުލޫމާތު ދެއްވަމުން އެ ބޭންކްގެ ހެޑް އޮފް ޗެނަލް މެނޭޖްމެންޓް މުހައްމަދު ޒިޔާއު އަހުމަދު ވިދާޅުވީ މި ޕްރޮމޯޝަންގައި ފައިސާ ކާޑުން ކުރާ ކޮންމެ 25ރ. އިން މަތީގެ ވިޔަފާރިއެއް ކުރުމުން ބައިވެރިވެވޭނެ ކަމަށެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން އެންމެ ގިނައިން ކާޑުން ޓްރާންސްސެކްޝަން ހަދާ ތިން ފަރާތަކަށް ހާއްސަ އިނާމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕްރޮމޯޝަންގައި ބަލާނީ ނަމްބަރު އޮފް ޓްރާންސްސެކްޝަން [ފައިސާ ކަނޑާ އަދަދު]،" ޒިޔާއު ވިދާޅުވި އެވެ.

މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒުގެ ގޮތުގައި ދެނީ ދެ މީހަކަށް އުމްދާ ދަތުރެކެވެ. އަދި އައިފޯން އެކްސްމެކްސް ފޯނެއް ދޭއިރު ތިންވަނަ އިނާމަކަށް ސެމްސަންގް ގެލެކްސީ މެކްސް ފޯނެއް ލިބޭނެ އެވެ.

އެމްއައިބީގެ ފައިސާ ކާޑުގެ ހިދުމަތް ޕީއޯއެސް އާއި އޭޓީއެމްގައިވެސް ބޭނުން ކުރެވެ އެވެ. އަދި މި ކާޑު ޕޮސް މެޝިންތަކާއި މާލެ އަދި ހުޅުމާލެ އާއި ވިލިމާލޭގައި ވެސް ލިބެ އެވެ. އަދި މި ހިދުމަތް ރާއްޖޭގެ ބޮޑެތި ހުރިހާ ރަށެއްގައި މިހާރު ދަނީ ދެމުންނެވެ.