އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާއި އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަންނަ ޖޫން މަހު ބާއްވަން ހަމަޖެހިފައި އޮތް ބައްދަލުވުން ނުބޭއްވިދާނެކަމުގެ ބިރު ހީވުމުން އެކަމާ މަޝްވަރާ ކުރައްވަން ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އިން އެމެރިކާއަށް ވަޑައިގެންފިއެވެ.
ޓްރަމްޕް-ކިމް ސަމިޓް ނުބޭއްވިދާނެ ކަމުގެ ބިރު ހީވީ އުތުރުކޮރެއާއިން ނިއުކްލިއަ ހަތިޔާރު ދޫކޮށްލަން ޖެހޭނެ ކަމަށް ބުނެ އެމެރިކާއިން ވާހަކަ ދައްކާތީ އުތުރުކޮޮރެއާއިން އެކަމާ ނުރުހުން ފާޅުކުރުމުންނެވެ. އުތުރުކޮރެއާއިން ފާއިތުވި ހަފުތާފައި ބުނީ އެގައުމުން އެކަނި ނިއުކްލިއަ ހަތިޔާރު ދޫކޮށްލަން ޖެހޭނެ ކަަމަށް އެމެރިކާއިން ބުނާ ނަމަ ބައްދަލުވުން ކެންސަލްކުރެވިދާނެ ކަަމަށެވެ.
ބެލެވޭ ގޮތުގައި މޫން މަސައްކަތްކުރައްވާނީ ކިމްއާ ބެހޭ މައުލޫމާތު ޓްރަމްޕަށް ދެއްވައިގެން ޓްރަމްޕާއި ކިމްގެ ބައްދަލުވުން ބޭއްވޭތޯއެވެ. އެގޮތުން ކިމް ކުރައްވައިފާނެ ކަންތައްތަކާއި ނުކުރައްވާފާނެ ކަންތައްތަކާ ބެހޭ މައުލޫމާތު މޫން ޓްރަމްޕަށް ދެއްވާނެއެވެ.
އެމެރިކާއާއި އުތުރުކޮރެއާއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައި ވިޔަސް އަންނަ ޖޫންމަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި ބާއްވަން ތާވަލުކޮށްފައިވާ ސަމިޓް ބޭއްވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެމެރިކާގެ ނައިބު ރައީސްް މައިކް ޕެންސް ވަނީ މީޑިއާތަކަށް ވިދާޅުވެފައެވެ.