ހޮލީވުޑް

އަނެއްކާވެސް "ތާޓީން ރީޒަންސް ވައި" އަށް ފާޑުކިޔުން

"13 ރީޒަންސް ވައި" ސީޒަން ދޭއްގެ ޓްރެއިލާ.

ނެޓްފްލިކްސް އިން ގެނެސްދެމުން އަންނަ މަޝްހޫރު ސީރީޒް "13 ރީޒަންސް ވައި" ގެ ދެ ވަނަ ސީޒަން މިދިޔަ ހުކުރު ދުވަހު ވަނީ ޕްރިމިއާކޮށްފަ އެވެ.

މި ސީރީޒްގެ ފުރަތަމަ ސީޒަނަށްވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެންދިޔަ އެވެ. ޖުމްލަ 13 އެޕިސޯޑު ހިމެނޭ ދެ ވަނަ ސީޒަން މިހާރު ސްޓްރީމްކުރެވޭއިރު އާންމުންނާއި ކްރިޓިކުން މި ސީރީޒަށް އަނެއްކާވެސް އަންނަނީ ފާޑުކިޔަމުންނެވެ. ފުރަތަމަ ސީޒަންގެ މައްސަލަ ބޮޑުވީ އެ ސީޒަންގައި އަމިއްލައަށް މަރުވުމަށް ހިތްވަރު ލިބޭފަދަ ގޮތަށް ސީރީޒް ގެނެސްދީފައިވާ ކަމަށް ބުނެ އެވެ.

ދެ ވަނަ ސީޒަނަކާއެކު އެނބުރި އައިއިރު، މި ސީރީޒްގެ އުފެއްދިންތެރިން ބުނެފައި ވަނީ މި ސީޒަންގައި ބޮޑުތަން ތަފާތުވެގެންދާނެ ކަމަށާއި މިފަހަރު ސީރީޒްގެ ވާހަކަ ބިނާވެފައި އޮންނާނީ ޖިންސީ ފުރައްސާރައާއި ދެކޮޅަށް މަސައްކަތްކުރުމަށް މީހުނަށް ހިތްވަރު ލިބޭނެ ގޮތަށް ކަމަށެވެ.

ކުރީގެ ސީޒަންއާއި ހިލާފަށް މި ސީޒަން ފެށިއިރު ސީރީޒްގެ ކާސްޓާއެކު ހާއްސަ ވީޑިއޯއެއް ގެނެސްދިނެވެ. އެ ވީޑިއޯގައި މުޖުތަމައުގައި ތަފާތު އަނިޔާތައް ލިބެމުން އަންނަ މީހުނަށް އެކަމުން އަރައިގަތުމަށް ހިތްވަރު ދިނުމުގެ ގޮތުން ސީރީޒްގެ ކާސްޓުން ބެލުންތެރިންނާއި ވާހަކަދައްކަ އެވެ. އެހީތެރިކަން ބޭނުންވާ މީހުން އެހީ ހޯދުމަށްވެސް އެދިފައިވެ އެވެ.

އާންމުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ސުކޫލް އިމްތިހާނު ދަރިވަރުންގެ ބޯމަތިބެފައި އޮއްވާ މި ސީރީޒް ރިލީޒްކުރުމުންނެވެ. ސީރީޒް ރިލީޒްކުރުމުގެ ކުރިންވެސް މި ޝަކުވާ ކޮށްފައިވެ އެވެ. އިމްތިހާނު ދުވަސްވަރަކީ ދަރިވަރުން ވަރަށް ސްޓްރެސްގައި އުޅޭ އިރަކަަށްވެފައި މިފަދަ ސީރީޒްތައް ބަލާނަމަ އެކުދިންނަށް ތަފާތު ގޮތްގޮތުން ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ދަ ގާޑިއަން ނޫހުން ބުނެފައި ވަނީ އަނެއްކާވެސް މި ސީރީޒްގައި ގެނެސްދެނީ އަނބުރަ އަނބުރައިގެން އެއް ވާހަކަތަކެއް ކަމަށެވެ.

އެހާ މައްސަލަ ބޮޑުވެފައި އޮތް ސީރީޒެއް އަނެއްކާވެސް ނެޓްފިލްކްސް އިން މި ގެނެސްދެނީ ބަލާ މީހުން އިތުރުކޮށް އެމީހުނަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ މަގުސަދުގައި އެކަނި ކަމަށާއި ހޭލުންތެރިކުރުމުގެ އެއްވެސް މާނައެއްގައި ނޫން ކަމަށް ދަ ޑެޑްލައިންގައި ބުނެފައިވެ އެވެ.

ހޮލީވުޑް ރިޕޯޓާއިން ބުނީ ދެ ވަނަ ސީޒަންގައި ގެނެސްދެނީ ބޭކާރު ޑްރާމާއެއް ކަމަށާއި ސީރީޒްގެ ސްކްރިޕްޓުގެ ފެންވަރުވެސް ދަށް ކަމަށެވެ.

ފުރަތަމަ ސީޒަން ވާހަކަ ބިނާވެފައި އޮތީ ހެނާ ބޭކާގެ 13 ކެސެޓް ޓޭޕުގައި ރެކޯޑުކޮށްފައިވާ ވާހަކަތަކުގެ މައްޗަށެވެ. މި ސީޒަންގައި ވާހަކަ ބިނާވެފައި ވަނީ އިންސްޓެންޓް ކެމެރާއިން ނަގާފައިވާ ޕޮލަރޮއިޑް ފޮޓޯތަކެއް މައްޗަށެވެ.

ކުރީ ސީޒަންގައި ލީޑުން ފެނިގެންތިޔަ ތަރިން މި ސީޒަންގައިވެސް ފެނިގެންދެ އެވެ. މިފަހަރު ކާސްޓަށް ވަނީ އިތުރު ހަތް ތަރިންވެސް ނަގާފަ އެވެ.