މިއުޒިކްގެ ދާއިރާއިން މައިކަލް ޖެކްސަން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާ ނަމަ އޭނާއަކީ "ލެޖެންޑް"އެކެވެ. އޭނާއަކީ އެއް ރެއެއްގައި އަށް ގްރެމީ އެވޯޑް ހާސިލުކުރި ފުރަތަމަ އާޓިސްޓެވެ. ހަފުތާއެއްގެ ތެރޭފައި މިލިޔަނަކަށް ވުރެ ގިނަ ޑިޖިޓަލް ޓްރެކް ވިއްކި ފުރަތަަމަ އާޓިސްޓަކީ ވެސް އޭނާއެވެ.
ނެށުމުގެ ދާއިރާއަށް ވެސް ޖެކްސަން ގެނައީ އިންގިލާބެކެވެ. އޭނާ ލެއްވި ބައެއް ކޮރުތައް ( ހެދި ސްޓެޕްތައް) އެގޮތަށް ހެދޭތޯ އަދިވެސް އެތައް ބަޔަކު އަންނަނީ މަސައްކަތްކުރަމުންނެވެ. އޮމާން ކަމާ އެކު ކައްސާލައި ކައްސައިލުންތަކާއި ކުއްލި އެނބުރުންތަކެވެ. ޖެކްސަންގެ ނެށުންތަކަށް ލޯބިކުރާ މީހުން ވަނީ އެ ހަރަކާތްތައް ކޮޕީކުރުމުގައި އެކިވަރުގެ ކާމިޔާބު ހޯދާފައެވެ.
މިހުރިހާ ހަރަކާތަކަށް ވުރެ ވެސް މީހުން ހައިރާން ކުރުވި ކަމަކީ " ސްމޫތު ކްރިމިނަލް" ލަވައިގައި ޖެކްސަންއާއި އޭނާއާ އެކު ނަށަން ތިބޭ މީހުން ގުދުވެލާ ގުދުވެލުމެވެ. އެލަވައިގައި ޖެކްސަންއާއި ބައިވެރިން ކުރިމައްޗަށް 45 ޑިގްރީއަށް ލެނބިލާ ލެނބިލުމަކީ މީހުން އަޖާއިބު ކުރުވި ކަމެކެވެ. އޭގެ އޮރިޖިނަލް ވީޑިއޯ އަކީ އެޑިޓްކޮށްފައިވާ އެއްޗަކަށް ވިޔަަސް ޖެކްސަން ވަަނީ ސްޓޭޖް މަތީގައި ލައިވްކޮށް ވެސް މިހަރަކާތް ގެނެސްފައެވެ.
" އެކަން އެގޮތަށް ކުރުމަކީ ޖިސްމާނީ ގޮތުން މީހަކަށް ކުރެވޭނެ ކަމެއް ނޫން. އޭނާ ދިޔައީ ގްރެވިޓީއަށް އޮޅުވައިލަމުން،" އިންޑިއާގެ ޗާންދިގަޅްގައިވާ ޕޯސްޓް ގްރެޖުއޭޓް އޮފް މެޑިކަލް އެޑިއުކޭޝަން އެންޑް ރިސާޗްގައި މަސައްކަތްކުރައްވާ ޑރ. ނިޝާންތު ޔަގްނިކް ސީއެންއެންއަށް ވިދާޅުވެފައި ވެއެވެ. ޑރ. ޔަގްނިކަކީ ޖެކްސަންގެ ލަވަޔާއި ނެށުމަށް ލޯބިކުރައްވާ ބޭފުޅެކެވެ.
" މޫނު ވަތަށް ނުވެއްޓި ތިބާއަށް ލެނބެވޭނީ އެންމެ ބޮޑުވެގެން 25 ނުވަތަ 30 ޑިގްރީިއަށް. އެހަރަކާތް ކުރަން އަހަރެން މަސައްކަތްކޮށްގެން ވެއްޓުނު،" ޑރ. ޔަގްނިކްއާ އެކުގައި މަސައްކަތްކުރައްވާ ޑރ. މަންޖުލް ޓްރިޕަތީ ވިދާޅުވެފައި ވެއެވެ.
ޖެކްސަން ކޮށްފައިވާ މި އާދަޔާ ހިލާފު ހަރަކާތާ މެދު ހައިރާންވީލެއް ބޮޑުކަމުން ޑރ. ޔަގްނިކާއި ޓްރިޕަތީ މަސައްކަތް ފެށްޓެވީ އެކަން ދިރާސާ ކުރާށެވެ. އެކަމުގައި ޑރ. ސަންދީޕް މޮހިންދުރާ ވެސް ބައިވެރިވަޑައިގެންނެވިއެވެ.
ޖެކްސަންގެ އެ ލެނބުމާ މެދު ނިއުރޯ ސާޖަންއެއްގެ ނަޒަރުން ބަލައިގެން ކޮށްފައިވާ ދިރާސާގެ ނަތީޖާ އިއްޔެގައި ވަނީ ޖާނަލް އޮފް ނިއުރޯ ސާޖަރީގައި ޝާއިއުކޮށްފައެވެ.
" ސްޕައިން ބަޔޯމެކޭނިކްސް ގައި އަހަރެމެންނަށް އިނގޭ މިންވަރާ މެދު މައިކަލް ޖެކްސަން ގޮން ޖެހީ ކިހިނެތް؟" ދިރާސާގައި އުފައްދާފައި ވަނީ މިސުވާލެވެ.
ބުރަކަށި ތެދަށް ބަހައްޓައިގެން އަހަރެމެން ގުދުވުމުން ގްރެވިޓީގެ ނާރެސް ބަދަލުވާއިރު ބުރަކަށީގައިވާ އެރެކްޓާ ސްޕައިނީ ނަމަކަށް ކިޔާ މަސްގަނޑުތައް މަސައްކަތް ކުރަނީ ހަށިގަނޑު ވެއްޓުނަނުދީ ހިފަހައްޓާ ކޭބަލްތަކެއް ފަދައިންނެވެ. އެކަމަކު ލެނބެނީ ފުންނާބުން ކަމަށް ވުމުން ހުރިހާ ބާރެއް ކުރާނީ ކުޑަކަޅުވަޔަށާއި ފުންނާބުގެ މަސްތަކަށެވެ. އެކަމަކު ހަގީގަތުގައި ތަންތަނަކީ އިންސާނާގެ މުޅި ހަށިގަނޑުގެ ބުރަ އުފުލާ ގޮތަށް ތަރައްގީވެފައިވާ ތަންތަނެއް ނޫނެވެ.
" މިހެން މިކަން ވާތީ ހަށިގަނޑު ސީދާ ތެދަށް ބަހައްޓައިގެން ފުންނާބާ ހިސާބުން ވަކި ވަރަކަށް އަރިވެލެވޭ،" ދިރާސާ ރިޕޯޓުގައި ވެއެވެ.
" މައިކަލް ޖެކްސަން ފިޔަވައި ދެންމެ އެންމެ ބޮޑަށް ތަމްރީނުވެފައިވާ ، ހަށިގަނޑުގެ މެދުބައިގެ މަސްތައް އެންމެ ވަރުގަދަ ނެށުންތެރިންނަށް ވެސް ލެނބެވޭނީ އެންމެ ބޮޑުވަރަކަށް 25 ނޫނީ 30 ޑިގްރީއަށް،"
ޖެކްސަން އަކީ ކިތަންމެ ބައްޓަން ރީތިކޮށް ހިކިކޮށް ހުރި މީހަކަށް ވިޔަސް އޭނާއަށް ވެސް އިތުރު އެއްޗެއްގެ އެހީއަކާ ނުލާ މިގޮތަށް ލެނބިލާފައި ތެދުުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
އަސްލުގައި ކުރި ކަމަކީ:
" ސްމޫތު ކްރިމިނަލް" ލަވައިގައި ދައްކައި އެ ލެނބިލުމަަށް ޖެކްސަން ވަނީ ވަރަށް ބޮޑު އިންވެސްޓެއް ކޮށްފައެވެ. އޭނާއާއި އޭނާގެ ބައިވެރިން ވަނީ އެކަމަށްޓަކައި މުޅިން އަލަށް ބޫޓެއް އީޖާދުކޮށް، އެމެރިކާގައި އޭގޭ ޕެޓަންޓް ރަޖިސްޓްރީވސް ކޮށްފައެވެ. އެމެރިކާގެ ޕެޓެންޓް އޮފީހަށް ބޫޓާ ބެހޭ ގޮތުން ދީފައިވާ މައުލޫމާތު ބުނާ ގޮތުން އޭގެ ފުންނާބު ހަދާފައި ހުރީ ސްޓޭޖްމަތިން ދިއްކޮށްފައި ހުންނަ( މޮހޮރެއް ނުވަތަ އިސްކުރެއް ފަދަ) އެއްޗެއްގައި ބޫޓު ފަސޭހައިން ހަރުލައި އަދި ފަސޭހައިން ނެއްޓޭވެސް ގޮތަށެވެ. ޖެކްސަންއާއި ބަައިވެރިން 1993 ވަނަ އަަހަރު ރަޖިސްޓްރީ ކުރި އެ ޕޭޓަންޓް 2005 ވަނަ އަހަރު ވަނީ އުވާލާފައެވެ. އަދި އޭނާ އެހަރަކާތް ދައްކައިލުމަށް ބޭނުންކުރި ބޫޓުވެސް ވަނީ 2009 ވަނަ އަހަރު ނީލަން ކިޔާފައެވެ.
ދިރާސާ ކުރެއްވި ބޭފުޅުން ގަބޫލުކުރައްވާ ގޮތުގަައި އެ ބޫޓާ އެކުގައި ވެސް އެގޮތަށް އެހާ ބޮޑަށް ލެނބިފައި ތެދުވެވޭނީ ވަރަށް ބޮޑަށް ފަރިތަކޮށްގެންނެވެ. އަދި ހަށިގަނޑުގެ ކޯ މަސުލްތައް ވަރަށް ވަރުގަދަ ކޮށްގެންނެވެ. އެހެންވީމާ ޖެކްސަން ހަމަ އެކަނި އުފެއްދީ ބޫޓެއް ނޫނެވެ. އޭނާ އެވަނީ އާދަޔާ ހިލާފު އެ ހަރަކާތަށް ވަރަށް ބޮޑަށް ފަރިތަވެސް ކޮށްފައެވެ.
އެމެރިކާގައި 1958 ވަނަ އަހަރު އުފަންވި ޖެކްސަން މަރުވީ 2009 ވަނަ އަހަރުގެ ޖޫންމަހުގެ 25 ވަނަ ދުވަހުއެވެ.