ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ފައިޒާ ކޮވިޑް ވެކްސިނަށް ދިން އޯޑަރު އިތުރުކުރަން އެމެރިކާ ބޭނުމެއް ނުވި

ފައިޒާ / ބަޔޮންޓެކް ކޮވިޑް ވެކްސިނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދިން އޯޑަރު އިތުރުު ކުރަން ފުރުސަތު ދިނުމުން ވެސް އަޅައިނުލިކަން ހާމަވެއްޖެ އެވެ.

ފައިޒާ ބޯޑް މެންބަރު، ޑރ. ސްކޮޓް ގޮޓްލިބް ވިދާޅުވީ، މި ކަމާ ގުޅޭ ގޮތުން "މީޑިއާގައި ފެތުރެމުން އަންނަ ވާހަކަ އަކީ ތެދެއް" ކަމަށެވެ. އަދި ވިދާޅުވީ އޯޑަރު އިތުރު ކުރަން ފުރުސަތު އެތައް ފަހަރަކު ދެއްވި ކަމަށާއި، އަޖުމަ ބެލުމަށް ކުރި ޓެސްޓްތަކަށް ފަހު ވެސް ފުރުސަތު ދެއްވި ކަމަށެވެ.

އެމެރިކާއިން ކޮވިޑް ވެކްސިންގެ 100 މިލިއަން ޑޯޒަށް ވަނީ އޯޑަރުދީފަ އެވެ. އެހެން ނަމަވެސް، އެމެރިކާގެ އާބާދީއަށް ވެކްސިން ދޭން ފަށާނީ އެފްޑީއޭއިން ހުއްދަ ދިނުމުންނެވެ. އެފްޑީއޭއިން މި ހަފުތާގައި އެކަމަށް ގޮތެއް ނިންމާނެ އެވެ.

ސްކޮޓް ގޮޓްލިބް ވިދާޅުވީ އިތުރު 100 މިލިއަން ޑޯޒް ސަޕްލައިކޮށް ދެވިދާނެ ކަމަށް ދެންނެވުމުން ވެސް، ރައީސް ޓްރަމްޕް ސަރުކާރުން ގަބޫލު ނުކުރެއްވި ކަމަށެވެ. އޭނާ ވިދާޅުވީ އެހެން ކަސްޓަމަރުންނަށް، އެހެން ގައުމުތަކަށް ފުރުސަތު ދިނީ އެއަށް ފަހުގައި ކަމަށެވެ.

އެމެރިކާއިން މިހާރު ފައިޒާއާ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، 2021 ގެ މެދާ ހިސާބުގައި ނޫނީ އިތުރު އޯޑަރެއް ފުރިހަމަކޮށް ދެވިދާނެ ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށް ސްކޮޓް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޯޑަރުތަކުން އެ ކުންފުނި ފުރިިފައިވާ ކަމަށެވެ.

ސްކޮޓް ވިދާޅުވީ ގޮތުގައި ރައީސް ޓްރަމްޕް ސަރުކާރުން އެހެން ގޮތަކަށް ވިސްނަނީ ކަމަށް ވެސް ވެދާނެ އެެވެ. އެއީ އެފްޑީއޭ ހުއްދައަށް އެހެން ކުންފުނިތަކުން ވެސް ހުށަހަޅާފައި ވާއިރު، އެއިން ކޮންމެ ކުންފުންޏަކަށް ވަކި ވަރަކަށް އޯޑަރުދޭ ވިސްނުމެއް އޮތީ ކަމަށް ވެސް ވެދާނެ އެވެ.

އިނގިރޭސިވިލާތުގައި ފައިޒާ / ބަޔޮންޓެކް ކޮވިޑް ވެކްސިން ބޭނުން ކުރަން ހުއްދަ ދިނުމަށް ފަހު ވަނީ އާންމުންނަށް ދޭން ފަށާފަ އެވެ. އިނގިރޭސިވިލާތުގައި ފުރަތަމަ ވެކްސިން ދެނީ ކޮވިޑްގައި ބޮޑުވަރު ވެދާނެ ކަަމަށް ބެލެވޭ އުމުރުފުރައަށެވެ. ވެކްސިން ޖެހުމަށް ފަހު ކުރި ތަޖުރިބާއާ ބެހޭ ގޮތުުން ވާހަކަދައްކާތީ އަދި ނުއިވެ އެވެ.