ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބަޔޮންޓެކް ވެކްސިނަށް "ޔޫކޭ ކޮވިޑް" ގުޑާނެ ކަމަށް ބެލެވޭ: އޫރް ޝާހީން

އިނގިރޭސިވިލާތުން އަލަށް ފެނިގެން އުޅޭ ކޮވިޑްގެ އާ ވައްތަރު، ބަޔޮންޓެކް ވެކްސިނަށް ގުޑާނެކަން ވަރަށް ބޮޑަށް ހީފުޅުވާ ކަމަށް، އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް، އޫރް ޝާހީން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އެ އިތުބާރު ވަރަށް ބޮޑު ކަމަށާއި، ޔަގީންކަން ދެއްވަން ކެރިވަޑައިގަންނަވާނީ އިތުރު ދިރާސާއަށް ފަހުގައި ކަމަށެވެ.

އޫރް ޝާހީން ވިދާޅުވި ގޮތުގައި، އޭނާގެ ޓީމުން ދަނީ ދިރާސާ ކުރަމުންނެވެ. ވެކްސިނަށް އިތުރު ބަދަލެއް ގެންނަންޖެހުނު ނަމަވެސް ދެތިން ހަފުތާ ތެރޭގައި އެކަން މުޅިން ސާފުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮވިޑްގެ އާ ވައްތަރުން ރައްކާތެރި ކޮށްދިނުމުގައި އަޅުގަނޑުމެންގެ ވެކްސިން ކާމިޔާބު މިންވަރު މި ވަގުތު ދަންނަވަން ދަތި" ޝާހީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސައިންސަށް އިތުބާރުކޮށް ދަންނަވާ ނަމަ، އާ ވައްތަރުން ދިފާއުވުމަށް ބަޔޮންޓެކް ވެކްސިނުން ހަށިގަނޑުގެ ދިފާއީ ނިޒާމު ހަރަކާތްތެރި ކުރުވާނެކަން ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

ޝާހީން ވިދާޅުވީ ކޮވިޑްގެ އާ ވައްތަރުގައި ތަފާތުތަކެއް ހުރި ނަމަވެސް، މައިގަނޑު 99 ޕަސެންޓް އެއްގޮތް ކަމަށެވެ. އެހެން ކަމުން، ކޮވިޑްގެ އާ ވައްތަރު ގުޑުވާލުމުގެ ގާބިލްކަން ބަޔޮންޓެކް ވެކްސިންގައި ހުރިކަން ސައިންސަށް ބަރޯސާކޮށް ދަންނަވަން ކެރިވަޑައިގަންނަވާ ކަމަށެވެ. އެ ނޫން ގޮތެއްގައި ވެކްސިނަށް ބަދަލެއް ގެންނަން ޖެހުނު ނަމަވެސް، ޝާހީން ވިދާޅުވީ ހައެއްކަ ހަފުތާ ތެރޭގައި އެކަމެއް ނިންމާލެވޭ ކަމަށެވެ.

ޝާހީން ވިދާޅުވި ގޮތުގައި، ވެކްސިނަށް ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ، އެ ބަދަލެއް ގެނައީ ކޮންގޮތަކަށް ތޯ ސިއްހީ އިދާރާތަކުން ދިރާސާކޮށް ބަލާނެ ކަމަށާއި އެ ބަދަލަކަށް ހުއްދަދިނުމުން ނޫނީ އާ ވެކްސިންތައް އުފައްދަން ނުފެށޭނެ ކަމަށެވެ.