ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެސްޓްރަޒެނެކާ ކޮވިޑް ވެކްނިސަށް ޔޫކޭން ހުއްދަދީފި

އިނގިރޭސިވިލާތުގައި އިމަޖެންސީ ހާލަތްތަކުގައި ބޭނުން ކުރަން އެސްޓްރަޒެނެކާ / އޮކްސްފޯޑް ކޮވިޑް ވެކްސިނަށް ހުއްދަދީފި އެވެ.

އިނގިރޭސިވިލާތުގައި ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ކޮވިޑްގެ އާ ވައްތަރުތައް އުފެދި ބަލި ވަރުގަދަވެ އާންމު ބޭސްވެރި ކަމަށް ނުގުޑާވަރު ވެސް ވަނީ ވެފަ އެވެ.

އިނގިރޭސިވިލާތުން ބުނީ ގޮތުގައި އެސްޓްރަޒެނެކާގެ 100 މިލިއަން ޑޯޒަށް ވަނީ އޯޑަރު ދީފަ އެވެ. ބުނެވޭ ގޮތުގައި މި ވެކްސިނަށް ހުއްދަދީފައި ވަނީ ކޮންމެހެން ވެސް ފަރުވާއަކަށް ބޭނުންޖެހި މަޖުބޫރު ވެގެންނެވެ. އާދައިގެ ހާލަތެއް ނަމަ އާންމުންނަށް ދޭވަރަށް މި ވެކްސިނަށް އިތުބާރެއް އަދި ނެތެވެ. މި ހާލަތުގައި އެމެރިކާ އަދި ޔޫރަޕުން ވެސް އެސްޓްރަޒެނެކާ / އޮކްސްފޯޑް ވެކްސިނަށް ހުއްދަ ނުދޭނެ ކަމަށް ބުނެވެ އެވެ.

"ނޭޝަނަލް ހެލްތު ސާވިސްއިން އަންނަނީ ވެކްސިން ލިބޭ ވަރަކުން މީހުންނަށް ދެމުން،" ހެލްތު ސެކްރެޓަރީ މެޓް ހޭންކޮކް ވިދާޅުވި އެވެ. "މިވެކްސިނަށް ހުއްދަ ލިބުމާއެކު، ކޮންމެހެން ވެސް ވެކްސިން ދޭންޖެހިފައި ތިބި މީހުންނަށް ފަރުވާ ދިނުން އަވަސް ވާނެ" އޭނާ ވިދާޅުވި އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އެސްޓްރަޒެނެކަ ވެކްސިނެއް ހިފަހައްޓަވައިގެން

އެސްޓްރަޒެނެކާ / އޮކްސްފޯޑް ވެކްސިން އަޖުމަބެލުމަށް ކުރި ޓެސްޓަކުން ދައްކަނީ ފައިޒާ / ބަޔޮންޓެކް ވެކްސިނަށް ވުރެ ފެންވަރު ދަށް ވެކްސިނެއް ގޮތުގަ އެވެ. އެހެން ނަމަވެސް، ރައްކާ ކުރުމާއި އުފުލާ ގެންގުޅުން ފައިޒާ / ބަޔޮންޓެކް ވެކްސިނަށް ވުރެ ފަސޭހަވުން ވެފައި ވަނީ ބޮޑު ފައިދާއަކަށެވެ. ފައިޒާ / ބަޔޮންޓެކް ވެކްސިން ރައްކާކޮށްފައި ބަހައްޓަން ޖެހެނީ ގަދަފަދަ ފިނީގައި، ސުވަމަކަށް ވުރެ ދަށުގައި، މައިނަސް (70-) ޑިގްރީ ސެލްސިއަސްގަ އެވެ.

ދުނިޔޭގައި ކޮވިޑް ބަލީގައި 1.7 މިލިއަން މީހުން ވަނީ މަރުވެފަ އެވެ. ޗައިނާގެ ވުހާންގައި އަހަރެއް ކުރިން ކޮވިޑް ފެތުރެން ފެށި ފަހުން ދަރުތުފަތުރަށް ހުރަސްއެޅި ދުނިޔޭގެ އިގްތިސޯދު ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.