ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޖޯ ބައިޑަން ވެކްސިން ޖެއްސެވުން އަންނަ ހަފުތާގައި

އެމެރިކާގެ އިންތިހާބީ ރައީސް، ޖޯ ބައިޑަންއަށް، އަންނަ ހަފުތާގައި ވެކްސިން ޖައްސަވާނެ އެވެ. ވެރިކަން ބަދަލު ކުރުމުގައި އުޅުއްވާ އޮފިޝަލުން ވަނީ މިކަން ކަށަވަރުކޮށް ދެއްވާފަ އެވެ.

"ކިޔޫ ތަރުތީބު އޮޅުވާލާކަށް އަޅުގަނޑު ބޭނުމެއް ނުވޭ،" ޖޯ ބައިޑަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވެކްސިނަކީ ރައްކާތެރި އެއްޗެއްކަން ބުނެދެއްވަން އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ހަށިކޮޅަށް ވެކްސިން ޖެއްސެވުން ކަމަށެވެ. ބައިޑަން ހިމެނިވަޑައިގަންނަވަނީ ކޮންމެހެން ވެސް ވެކްސިން ޖަހަން ޖެހޭ އުމުރުފުރައިގަ އެވެ. އުމުރުފުޅުން 78 އަހަރުގައި ބައިޑަން ލިސްޓް ކުރެވިފައި ވަނީ "ހައި-ރިސްކް" ކެޓަގަރީގަ އެވެ.

ފައިޒާ-ބަޔޮންޓެކް ވެކްސިނަކީ ރައްކާތެރި އެއްޗެއްކަން ކަށަވަރުކޮށް ދޭން ސިއްހީ މާހިރުންނާއި އޮފިޝަލުން އަންނަނީ ކެމްޕޭން ކުރައްވަމުންނެވެ. އެމެރިކާގައި ކުރިން ވެރިކަން ކުރެއްވި ރައީސުންނާއި ފަންނާނުން ވެސް ވަނީ މި ކެމްޕޭންގައި ބަހާއި އަމަލުން ބައިވެރިވަޑައިގެންފަ އެވެ.

ނައިބު ރައީސް، މައިކް ޕެންސްއަށް މިއަދު ވެކްސިން ޖައްްސަވާނެ ކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފަ އެވެ. ޕްރެސް ސެކްރެޓަރީ ވިދާޅުވި ގޮތުގައި ޓްރަމްޕްއަށް ވެކްސިން ދެއްވާނެ ދުވަހެއް ކަނޑައަޅުއް ވާނީ އޭނާގެ މެޑިކަލް ޓީމުންނެވެ.

މި ދެ ބޭފުޅުންނަށް ވެކްސިން ދެއްވުން އޮންނާނީ އާންމުންނަށް ފެންނަ ގޮތަށް ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. އެއީ ވެކްސިންގެ ރައްކާތެރިކަމަށް އާންމުގެ އިތުބާރު ހޯދުމަށެވެ.

ޖެނުއަރީ 20 ގައި ބައިޑަން ރައީސްކަމާ ހަވާލުވަޑައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވަން ލިސްޓް ކުރައްވާފައި ހުރި ކަންތައްތަކުގެ ތެރޭގައި ކޮވިޑް ކޮންޓްރޯލް ކުރަން ކުރެވެން ހުރި މަސައްކަތްތައް ހިމެނެ އެވެ. އެމެރިކާގައި ކޮވިޑްޖެހިގެން 300،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އެމެރިކާގެ އާބާދީއަށް ކޮވިޑް ވެކްސިން ދޭން ފަށައި، ފުތަމަ ޑޯޒްތައް ޚާއްސަކޮށްފައި ވަނީ ޑޮކްޓަރުންނާއި ނަރުހުން އަދި ކުރީ ސަފުގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރުންނަށެވެ. އަދި ސަރުކާރުގެ އިސްވެރިންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ.