އެމެރިކާގެ ސެނެޓުން ވެސް ވަރަށް ހަނި ގޮތަކަށް ޖޯ ބައިޑަންގެ 1.9 ޓްރިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ބިލް ފާސްކޮށްފި އެވެ. ގާނޫނު ހަދާ މަޖިލީހުގައި ޕާޓީއަށް ބައިއަޅައި ސެނެޓަރުން ކުރެއްވި 27 ގަޑިއިރުގެ ދިގު ބަހުސަށް ފަހު މި ބިލް ފާސްކޮށްފައި ވަނީ 50-49 އިންނެވެ.
ކޮވިޑް ރިލީފް ބިލް ދެން އަނބުރާ ދާނީ ހައުސްއަށެވެ. އެތަނުގައި އަދި އިތުރު ވޯޓެއް ނެގުމަށް ފަހު ދެން ފޮނު ވާނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ތަސްދީގު ކުރައްވާ ސޮއި ކުރެއްވުމަށެވެ. އެހިސާބުން ކޮވިޑް ރިލީފް ހޭދައިގައި ގާނޫނީ ބާރުޖެހި އަމަލު ކުރަން ފަށާނެ އެވެ.
ބައިޑަން ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވާފައި ވަނީ މާޗް 14 އަށް ވުރެ ކުރިން މި ބިލް ފާސް ކުރުމަށެވެ. މި ލަނޑުދަނޑި މިއަށްވުރެ ވެސް އަވަހަށް ހާސިލުކު ރުމަށް ޑިމޮރެޓުންނަށް އޮތް ޕްރެޝަރު ވަރަށް ބޮޑުވި ކަމަށް ނޫސްތަކުން ބުނެ އެވެ.
ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވިދާޅުވީ ބިލް ފާސްކުރަން މަޝްވަރާއާ ބަހުސްކުރެވެން ވާނެ ކަމަށެވެ. މެންބަރުންގެ މެދުގައި ވަކި ގޮތްތަކަކަށް އެއްބަވުމަށް ފަހު ވެސް ހެޔޮ ނަތީޖާއެއް ނެރެދެއްވަން ސެނެޓަރުން ކުރައްވާ މަސައްކަތްތަކަށް ބައިޑަން ޝުކުރުއަދާކުރެއްވި ކަމަށް ވެސް ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.
ރިލީފް ބިލް ފާސްކުރަން ނެގި ވޯޓްގައި އެވަގުތު ޗެމްބަރުގައި ތިއްބެވި 49 ރިޕަބްލިކަން މެންބަރުން ވެސް ވޯޓްދެއްވީ ބިލާ ދެކޮޅަށެވެ. ރިޕަބްލިކަން ސެނެޓަރު ޑޭން ސުލިވާން ގާތް މީހަކު ވަރުވެގެން ވޯޓްގައި ބައިވެެރިވެ ވަޑައިނުގަންނަވަ އެވެ. އޭނާ ވޯޓްދެއްވި ނަމަ ބިލް ފާސްކުރުމަށްޓަކައި ނައިބްރައީސް ކަމަލާ ހެރިސް ވޯޓްދެއްވަން ޖެހިވަޑައިގަތީހެވެ.
ކޮވިޑް ރިލީފް ބިލަކީ ކޮވިޑާ ގުޅިގެން އެމެރިކާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުއްދަކުރި ފައިސާ ޕެކޭޖެކެވެ. މިބިލުގައި ވަކިވަކި ފަރުދުންނަށް 1،400 ޑޮލަރު ދިނުމަށް ވަނީ ކަނޑައަޅާފައެެވެ. އަދި ސްޓޭޓްތައް، މުނިސިޕަލްޓީތައް، ސްކޫލްތަކާއި ކުދިވިޔަފާރި އަދި ވެކްސިން ފޯރުކޮށްދިނުމަށް ބިލިއަނުން ހޭދަކުރަން ވަނީ ކަނޑައަޅާފަ އެވެ.