އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ކޮވިޑްގެ ނުރައްކާތެރި ވައްތަރުތަކަށް ވުރެ ވެކްސިން ނުޖަހާ މީހުންގެ ނުރައްކާ ބޮޑު ކަމަށާއި ޑެލްޓާ ވޭރިއަންޓް ކޮންޓްރޯލް ނުކުރެވިގެން އުޅެނީ ވެސް ވެކްސިން ނުޖަހާ މީހުންނާ ހެދި ކަމަށް ސިއްހީ މާހިރުން ވިދާޅުވާ ކަމަށެވެ.
ބައިޑަން ވިދާޅު ގޮތުން ޑެލްޓާ ވޭރިއަންޓް ކޮންޓްރޯލް ކުރުމަށް ވުރެ ވެކްސިން ނުޖަހާ ތިބި މީހުންނަށް ވެކްސިން ދެވޭތޯ ބެލުން މުހިންމު ކަމަށާއި މިހާލަތުގައި ވެސް ލޮކްޑައުންއާ މެދު ނުވިސްނަވާ ކަމަށެވެ.
ޑެލްޓާ ވޭރިއަން ފުރަތަމަ ފެނިވައި ވަނީ އިންޑިއާއިންނެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުން ދުނިޔޭގަައި މިހާރު ވަކިހިއްޕައި ނުރައްކާ ބޮޑުކޮށްފައި ވަނީ ކޮވިޑްގެ މިވޭރިއަންޓް އެވެ. އަދި ވެކްސިން ނުޖަހާ މީހުންގެ ސަބަބުން ބަލީގައި ބޮޑުވަރުވާ މީހުން އިތުރުވަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ބައިޑަން ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޑެލްޓާ ވޭރިއަންޓް ވަރަށް އަވަހަށް ފެތުރިގަންނަ ކަމަށް ސިއްހީ މާރިހުން ވިދާޅުވާ ކަމަށާއި ކުޑަކުދިންނަށް ބޮޑުވަރުވާ ކަމަށް ޚަބަރުތަކުން ބުނާތީ އެއިވެނީ މިވޭރިއަންޓާ ހެދި ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ ޑެލްޓާ ވޭރިއަންޓާ މެދު ސަމާލުވުމަށް ގައުމުތަކަށް އަންގާފަ އެވެ. ކޮވިޑަށް ނިސްބަތްކުރާ ވޭރިއަންޓްތަކުގެ ތެރެއިން ވެސް އިންޑިއާ ވޭރިއަންޓް ކަމަށް ކުރިން ބުނެއުޅުނު ވައްތަރު މާބޮޑަށް ވެސް ނުރައްކަލީ އެވެ.
ޑެލްޓާ ވޭރިއަންޓްގެ ސަބަބުން މީހުން މަރުވާ ނިސްބަތް އިރުވަމުން އަންނަ ކަމަށް ދެންނެވުމުން ބައިޑަން ވިދާޅުވީ އެމެރިކާގައި އާންމުންނަށް މިހާރު ދޭ ވެކްސިން، ކޮވިޑްގެ ހުރިހާ ވައްތަރުތަކަކަށް ވެސް ކާމިޔާބު ކަމަށާއި ވެކްސިން ޖަހާ ނިސްބަތް އިތުރުކޮށް ވެކްސިން ޖަހަން އާންމުން ރުހެންވީ ކަމަށެވެ.