ބަތަލާ ދިޕިކާ ޕަދުކޯންގެ އެންމެފަހުން ނިކުތް ފިލްމު "ޕަދްމާވަތް" ވަނީ ބޮކްސް އޮފީހުގައި ގިނަ ރެކޯޑްތަކެއް މުގުރާލާފަ އެވެ. އެ ފިލްމުގެ ބޮޑު ކާމިޔާބާއެކު ދިޕިކާ އަށް ބޮޑެތި ޕްރޮޑިއުސަރުންގެ ފިލްމުތަކުން ހުށަހެޅުންތައް އޮހުނު ނަމަވެސް ފާއިތުވި ހަތަރު މަސް ތެރޭގައި އޭނާ އިތުރު ފިިލްމެއް ކުޅެން ސޮއި ކޮށްފައި ނުވެ އެވެ.
އެންމެ ފަހުން ދިޕިކާ މިވަނީ ދެން އޭނާ ކުޅޭނެ ފިލްމެއް ނިންމާފަ އެވެ. ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން ދިޕިކާ ވަނީ ސުޕަހީރޯއެއްގެ ރޯލުގައި އުޅޭ ފިލްމެއް ކުޅެން ނިންމައި ސޮއިކޮށްފަ އެވެ. މިހާތަނަށް ދިޕިކާގެ އެއްވެސް ފިލްމެއްގައި ފެނިގެން ނުދާ ފަދަ ގިނަ އެކްޝަން މަންޒަރުތަކެއް މި ފިލްމުގައި ފެނިގެންދާނެ ކަމަށްވެ އެވެ.
މި ފިލްމާ ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާގައި އަދި އާންމެއް ނުކުރެ އެވެ. ނަމަވެސް ފިލްމު ޕްރޮޑިއުސްކުރަނީ ފޮކްސް ސްޓާއިިން ކަމަށް ހަބަރުތައް ބުނެ އެވެ.
މި ފަހުން އަޑުތައް އެރި ގޮތުގައި އިތުރު ފިލްމެއް ކުޅެން ދިޕިކާ ސޮއިނުކޮށް ހުރީ އޭނާ އަށް ހުށަހެޅުންތައް ލިބެމުން އައި ރޯލުތަކާ މެދު ހިތްހަމަނުޖެހޭތީ އެވެ. އެންމެފަހުން ދިޕިކާ އަށް މިވަނީ އޭނާ އިންތިޒާރުކުރަމުން އައި ފެންވަރުގެ ރޯލަކާ ދިމާވެފަ އެވެ.
މިހާތަނަށް އެއްވެސް ބަތަލާ އަކު ލީޑްރޯލުގައި ހިމަނައިގެން ސުޕަހީރޯ ފިލްމެއް އުފައްދާފައެއް ނުވެ އެވެ. ނަމަވެސް "ކްރިޝް" ސިލްސިލާގެ ފިލްމުތަކާއި "ރާ.ވަން" އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ފިލްމުތަކެވެ.
އެކްޓަރު ރަންބީރު ކަޕޫރާއި އާލިއާ ބަޓް ވެސް އަންނަނީ އެ ދެތަރިން ސުޕަހީރޯއިންގެ ރޯލު ކުޅޭ ފިލްމު "ބްރަހަމަޝްތަރް" ޝޫޓްުކުރަމުންނެވެ.
"ޕަދްމާވަތް" އަށް ފަހު ދިޕިކާ އޮތީ އިރްފާން ޚާން އާއެކު ކުޅޭ ވިޝާލް ބަރްދްވާޖްގެ "ސަޕްނާ ދީދީ" ކުޅޭ ގޮތަށެވެ. ނަމަވެސް އިރްފާން ކުއްލިއަކަށް ވަރަށް ބަލިވުމާ ގުޅިގެން އެ ފިލްމުގެ ޝޫޓިން ވަނީ ފަސްކޮށްފަ އެވެ. އެ ފިލްމަކީ މާ ކުރިން ދިޕިކާ ކުޅެން ނިންމާފައި އޮތް ފިލްމެކެވެ.