ހަބަރު

ބާރު ގަދަވަމުންދާ ތޫފާނަށް ދިވެހި ނަން "މެކުނު" ކިޔައިފި

އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ބާރުގަދަވެ، ތޫފާނަކަށް ބަދަލުވެފައިވާ އިރު، އެ ތޫފާނަށް ދިވެހި ނަމެއް ދީފި އެވެ. މެޓް އޮފީހުން މިއަދު ބުނީ މި ސަރަހައްދުގައި އުފެދޭ ތޫފާންތަކަށް ނަން ދިނުމުގެ މިންގަނޑަށް ރާއްޖެއިން ހުށަހަޅާފައިވާ ނަންތަކުގެ ތެރެއިން މިހާރު އުފެދިގެން އުޅޭ ތޫފާނަށް ދީފައި ވަނީ "މެކުނު" ކަމަށެވެ.

ތޫފާން މެކުނު މިހާރު ހުރީ ރާއްޖެއާ 2050 ކިލޯމީޓަރު ދުރުގައި ކަމަށާއި ކުރިޔަށް އޮތް ހަ ގަޑިއިރު ތެރޭ މެކުނުގެ ބާރު ގަދަވި ނަމަވެސް ދަތުރު ކުރާނީ ރާއްޖެއާ ދުރަށް ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި އޭގެ އަސަރު ސީދާ ގޮތެއްގައި ރާއްޖެއަށް ކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ތޫފާން މެކުނުގެ އަސަރު ސީދާ ގޮތެއްގައި ރާއްޖެއަށް ނުކުރި ނަމަވެސް އޭގެ ސަބަބުން މި ސަރަހައްދުގައި ބާނީ ބޮޑުވެ، ކުރިޔަށް އޮތް ތިން ދުވަހު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އާންމުކޮށް އުދަ އަރާ ރަށްރަކަށް އުދަ އަރާނެ ކަމަށެވެ. އެހެންކަމުން މޫސުމަށް ސަމާލުވެ ތިބުމަށާއި ކަނޑުދަތުރު ކުރާ ފަރާތްތަކުން ވެސް ސަމާލުވެ ތިބުމަށް މެޓް އޮފީހުން އިލްތިމާސް ކުރި އެވެ.