ހަބަރު

މެކުނު ތޫފާން ރާއްޖެ އޮބާލައި ގޮސްފި، ނުރައްކަލެއް ނެތް

May 25, 2018

އަރަބި ކަނޑުގައި އުފެދުނު ތޫފާން، "މެކުނު" ރާއްޖެއާ 2.300 ކިލޯމީޓަރު ދުރަށް މިހާރު ޖެހިފައިވާ ކަމަށާއި މި ތޫފާންގެ ނުރައްކަލެއް ރާއްޖެއަށް މިހާރު ނެތް ކަމަށް މީޓްރޮލޮޖިކަލް ސާވިސަސް، މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހަށް ގުޅުމުން އޮފިޝަލަކު ވިދާޅުވީ، މެކުނު ތޫފާން ބާރުގަދަވި ނަމަވެސް އެ ތޫފާން މިހާރު ދަތުރު ކުރަމުން ދަނީ ރާއްޖެއާ ވީހާވެސް ދުރަށް ކަމަށެވެ. އެ ތޫފާން އިއްޔެ ރާއްޖެއާ 2،050 މޭލު ކައިރީގައި ހުރި ނަމަވެސް، މިހާރު އެ ތޫފާން ވަނީ، ރާއްޖޭގެ ހުޅަނގު އުތުރުން 2،300 މޭލު ދުރަށް ޖެހިފައި ކަމަށް ވެސް މެޓުން ބުންޏެވެ.

އޮފިޝަލް ވިދާޅުވީ އެ ތޫފާނުގެ ސަބަބުން ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަކަށް ނުބެލެވެ އެވެ. އެހެން ނަމަވެސް، އެ ތޫފާނުގެ ސަބަބުން ބާނީތައް އަދިވެސް ބޮޑުކޮށް އުޅޭތީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް، ރޭގެ ދިޔަވަރު ބޮޑު ވަގުތުތަކުގައި އެފަދަ ހާދިސާއެއް ހިނގުމުގެ ރިޕޯޓެއް އަދި ލިބިފައި ނެތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެ ތޫފާން މިހާރު އެހެރަ ހިސާބުން އޭގެ ނުރައްކަލެއް ރާއްޖެއަކަށް ނެތް. އެއަށް ވުރެ މާ ދުރަށް އެ ތޫފާން ގޮސްފި. ވާރޭ ވެހުނަސް ކޮންމެވެސް ވަރަކަށް މާލޭގ އިތުރަށް ވާރޭ ވެހިދާނެ. އެހެން ސަރަހައްދުތަކަށް ބަނަކޮށް އޮތް ނަމަވެސް ވިއްސާކުރާނެ ކަމަށް ނުބެލެވޭ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ތޫފާނުގެ އަސަރުކޮށް މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ވިއްސާރަކުރި އެވެ. އިއްޔެގެ ވަގުތެއްގައި މެކުނު ވަނީ ޔަމަނަށް އަރައި ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އެގޮތުން 17 މީހަކު ވަނީ އެ ގައުމުން ގެއްލިފަ އެވެ. މެކުނު މިހާރު ދަނީ އޮމާންއާ ދިމާލަށް ދަތުރު ކުރަމުން އެވެ.

މޫސުން ކުރިއަށް ލަފާކުރާ ގޮތް

ކުރިއަށް އޮތް ވަގުތުތަކުގައި މޫސުން ލަފާ ކުރާގޮތުގައި މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ އެވެ. އެހެން ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ އެވެ. މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެތީ އުތުރުގެ އަތޮޅުތަކަށް މިއަދު މެންދުރު ފަހު ތިނެއް ޖެހުމާ ހަމައަށް ވަނީ މިހާރު ވައިޓް އެލާޓް ނެރެފަ އެވެ. އެ އެލާޓު ބުނާގޮތުގައި ކޮޅިގަނޑުގައި އެ ސަރަހައްދުތަކަށް 23 މޭލާއި 29 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހި ކަނޑުތައް ގަދަވާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.