ވާލާއި އޫރުގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ރޯގާއެއް ކަމަށްވާ ނިޕާހް ވައިރަސް ރާއްޖެ އައުމުގެ ފުރުސަތު ބޮޑުވެފައި ވާތީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ނިޕާ ވައިރަސް މިވަގުތު ރާއްޖޭގައި ނެތް ނަމަވެސް، އެ ވައިރަސް ފަތުރާ ވާލުގެ ބާވަތް، ޓްރޯޕަސް ވާލު ނޫނީ ފުރުޓް ބެޓް ރާއްޖޭގައި އުޅެމުން އަންނަ ކަމަށެވެ. އަދި ދިވެހިންނަކީ އެކި ބޭނުމުގައި އިންޑިއާއަށް ދަތުރު ކުރާ ފަރާތްތަކަށް ވެސް ވާތީ ކެރެލާއަށް ވެސް ދިވެހިން ގޮސްއުޅޭތީ މި ވައިރަސް ރާއްޖެ އައުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެން ކަމުން ޑަބްލިއުއެޗްއޯގެ އިރުޝާދުގެ ދަށުން ފިޝަރީޒް މިނިސްޓްރީއާ ވެސް ގުޅިގެން މި ވައިރަސްއިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް މިހާރުވެސް ދުރާލާ އަޅަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ނިޕާ ވައިރަސް އާންމުކޮށް ފަތުރެނީ، ބަލި ފަތުރާ ވާ ކައިފައިވާ ކާތަކެތި ނޫނީ ކުޅާއި ކުޑަކަމުދާ ތަކެތި ޖެހިފައިވާ މޭވާ ކެވުމުގެ ސަބަބުން އެވެ. އަދި ބަލި ޖެހިފައިވާ މީހާޔާ ކައިރީގައި އުޅޭ މީހުންނަށް ވެސް އެ ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް
- ގަސްގަހުގައިވާ މޭވާ ވާލުން ރައްކާތެރިކުރުން
- ރުކުރާ ނެގުމުގައި ވާލުން ރައްކާތެރިކުރުން
- މޭވާ މަށައިގެން އަދި ދޮވެގެން ބޭނުން ކުރުން
މި ބައްޔަށް ކުރާނެ ވަކި ހާއްސަ ފަރުވާއެއް ނޯންނަ އިރު، އެޗްޕީއޭއިން ބުނީ މިބަލި ޖެހިއްޖެ ނަމަ، ހުންއައުން ގައިގާ ރިއްސުން، ކަރުތެރެ ސަކަރާތްވުން ފަދަ ކަންކަން ދިމާވާނެ ކަމަށެވެ. އަދި ބޮލަށް މި ވައިރަސްގެ އަސަރުކޮށްފި ނަމަ ހޭނެތުމާއި ފިޓް ޖެހުން ފަދަ ކަންކަމާ ވެސް ކުރިމަތިވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބަޔާނުގައި ބުނެފައި ވަނީ އިންޑިއާގެ ކެރެލާ ސްޓޭޓަށް ދަތުރު ކުރާ ފަރާތްތަކުން އެ ސްޓޭޓްގެ އުތުރުގެ ހަތަރު ސަރަހައްދު ކަމަށްވާ، ކޮޒިކޯޑް، މަލަޕުއްރަމް، ވަޔަނާޑް އަދި ކަންނޫރަށް ދަތުރު ކުރާއިރު ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އުޅެން ޖެހޭ ކަމަށެވެ.
ނިޕާ ވައިރަސް ޖެހިގެން ކެރެލާގެ ކޮޒިކޯޑް (ކެލިކަޓް) އާއި މައްލަޕޫރަމްއިން ވަނީ 10 މީހަކު މަރުވެފަ އެވެ.