ދުނިޔެ

އަދިވެސް ވާހަކަ ދައްކަން ތައްޔާރު: އުތުރު ކޮރެއާ

އުތުރުކޮރެއާގެ ލީޑަރު ކިމްޖޮންއުން އާއެކު ބާއްވަވަން އުޅުއްވި ބައްދަލުވުން ކެންސަލް ކުރެއްވިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އެންގެވިޔަސް ކޮންމެ ހިނދެއްގައި ވެސް އެމެރިކާއާ ވާހަކަ ދައްކަން އަދިވެސް ތައްޔާރަށް އޮތް ކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ.

ބައްދަލުވުން ކެންސަލް ކުރިކަން ޓްރަމްޕް އެންގެވުމުން އުތުރު ކޮރެއާގެ ވައިސް ފޮރިން މިނިސްޓަރު ކިމް ޔީ ވާން އެ ގައުމުގެ ދައުލަތުގެ މީޑިއާ ކޭސީއެންއޭގައި ލިއުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ކޮރެއަަން ޕެނިންސިއުލާ އާއި މުޅި ދުނިޔެއަށް ވެސް ސުލްހަ ގެނައުމަަށް އުތުރު ކޮރެއާން ގެންގުޅޭ ލަނޑުދަނޑި އަދިވެސް އެގޮތުގައި ދެމި އެބައޮތް ކަމަށެވެ.

" ކޮރެއަން ޕެނިންސިއުލާއާއި މުޅި އިންްސާނިއްޔަތުގެ ސުލްހައާއި ހަމަޖެހުމަށް އަހަރެމެންގެ އޮތް ލަނޑުދަނޑިއާއި މަގުސަދު ބަދަލެއް ނުވެއެވެ. އަދި އަހަރެމެން އެމެެރިކާއަށް ވަގުތާއި ފުރުސަތު އަބަދުސް ދޭނީ ހުޅުވާލެވިފައިވާ ވިސްނުމަކާއި އެކު ފުޅާ ދާއިރާއެއްގައެވެ،" ކިމް ވިދާޅުވެފައި ވެއެވެ.