އެމެރިކާގެ މަޝްހޫރު އެކްޓަރު މޯގަން ފްރީމަންގެ ބޮލުގައި ވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތު އަޅުވައިފި އެވެ.
ސީއެންއެން އިން ރިޕޯޓް ކުރި ގޮތުގައި މޯގަން 80، ފަރާތުން ތަފާތު އެކި ކަހަލަ ފުރައްސާރަތައް ކުރިމަތިވި 16 މީހުން އެބަ ތިއްބެވެ. މީގެ ތެރެއިން އަށް މީހަކަށް އޭނާ ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށާއި ބާކީ ތިބި އަށް މީހުނަށްވެސް ޖިސްމާނީ އެކި ފުރައްސާރަތައް މޯގަން ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
އެ މީހުނަށް މި ފުރައްސާރަތައް މޯގަން ކޮށްފައި ވަނީ 2015 އަހަރު އޭނާ ކުޅުނު ކޮމެޑީ ފިލްމު "ގޮއިންގް އިން ސްޓައިލް" ގެ މަސައްކަތް ކުރިއަށް ދަނިކޮށް ކަމަށްވެ އެވެ. މި ވާހަކަތައް ބީބީސީއާއި ހިއްސާކުރީ އެ ފިލްމުގައި ޕްރޮޑަކްޝަން އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި އަންހެނެކެވެ.
ފިލްމުގެ މަސައްކަތްތައް ކުރިއަށްދިޔައިރު ގިނަ ދުވަސްތަކެއް ވަންދެން މޯގަން އޭނާއަށް ނުބައި ބެލުންތަކުން ބަލާއި ގައިގެ އެކި ތަންތަނުގައި އަތްލައި ހަދާ ކަމަށާއި ލައިގެން ހުންނަ ހެދުމާއި އޭނާގެ ހަށިގަނޑު ހުންނަ ގޮތަށްވެސް ފާޑު ކިޔާ ކަމަށް ބުނެފައިވެ އެވެ. އަދި ބައެއް ދުވަސް ދުވަހު އޭނާގެ ހެދުން ބޭލުމަށް މޯގަން މަސައްކަތްކުރި ކަމަށެވެ.
މި ތުހުމަތުތަކަށް އިންކާރުކޮށް މޯގަން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ އެއްވެސް މީހަކަށް ގަސްތުގައި ފުރައްސާރަ ކޮށްފައި ނުވާނެ ކަމަށާއި އަދި އެގޮތަށް މީހަކަށް އިހުސާސް ކުރެވިފައި ވާނަމަ އޭނާ އެކަމަށް މައާފަށް އެދޭ ކަމަށެވެ.
މޯގަންއަކީ ހޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ލިސްޓުގެ ކުރީގައިވާ ތަރިއެކެވެ. ފިލްމީ ދާއިރާގައި އޭނާ ވަނީ 50 އަހަރު ހޭދަކޮށް ގިނަ ބައެއް މަގުބޫލުކަން ހޯދާފަ އެވެ. އޭނާގެ ފިލްމުތައް ކަމަށްވާ "ޑްރައިވިން މިސް ޑެއިޒީ" އާއި "ޝޯޝެންކް ރިޑެމްޕްޝަން" އަކީ އޭނާއަށް އެންމެ ބޮޑު މަޝްހޫރު ކަމެއް ލިބުނު ފިލްމުތަކެވެ.
ފިލްމު "މިލިއަން ޑޮލާރ ބޭބީ" އިން 2004 ވަނަ އަހަރު އޭނާއަށް ބެސްޓް އެކްޓަރުގެ އޮސްކާގެ އެވޯޑު ލިބިފައިވެ އެވެ. މީގެ އިތުރުން ހަތަރު ފަހަރެއްގެ މަތިން އޮސްކާއަށް ނޮމިނޭޓުވެފައި ވެއެވެ.
ފިލްމުތަކުގެ އިތުރަށް އޭނާގެ އަޑަކީވެސް ގިނަ ބައެއް ލޯބި ލިބިފައިވާ އަޑެކެވެ. ބައެއް ޑޮކިއުމެޓްރީތަކުގައި އޭނާގެ އަޑު ބޭނުންކޮށްފައިވެ އެވެ. އެގޮތުން "ދަ ލޯންގްވޭ ހޯމް" އާއި "މާޗް އޮފް ދި ޕެންގުއިންސް" ފާހަގަކޮށްލެވެ އެވެ. އެ ދެ ޑޮކިއުމެންޓްރީއަށް ވަނީ އޮސްކާ އެވޯޑުވެސް ލިބިފަ އެވެ.