ހަބަރު

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ބަޔަަކަށް މިއަދު ގަދަ ވަޔާއެކު ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސަސް އިން ޔެލޯ އެލާޓް ނެރެފިއެވެ.

މިއަދު މެންދުރުފަހު 3:00 އިން ފެށިގެން މިރޭ 7:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. އެ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި އާއްމުގޮތެއްގައި 30 މޭލާ 40 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަަމަށް ލަފާ ކުރެވޭ އިރު ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ. އެމިންވަރަށް ވައިގަދަވާނެ ކަަމަށް ލަފާ ކުރެވޭ އިރު ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރާއްގޭ އިތުރުން ސަރަހައްދުގެ ބައެއް އެހެން ގައުމުތަކަށް ވެސް މިހާރު ދަނީ ގަދަ ވިއްސާރައެއް ކުރަމުންނެވެ. އެގޮތުން އަވަށްޓެރި ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމާއި ހޮނުއެޅުން ފަދަ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިއަދު ވަނީ 16 އަށް އަރާފައެވެ.

ވިއްސާރައާއި ހެދި ލަންކާގެ ބައެއް ސަރަހައްދުތަކަށް ވަނީ ރެޑް އެލާޓް އަޅާފައެވެ.