ފިނިޕޭޖް

ޑިޝާ ރާއްޖޭގައި، ޓައިގާ ކޮބާ؟

އަރަމުން އަންނަ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ޓައިގާ ޝްރޮފް އާއި ޑިޝާ ޕަޓްނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އަންނަކަމަށް ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް މި ދެ ތަރިން ރާއްޖެ އައިސް އެއްކޮށް ނަގާފައިވާ ފޮޓޯއެއްހާ ހިސާބު ވެސް ޝޯޝަލް މީޑިއާގައި އަދި އާންމުކޮށްފައެއް ނުވެ އެވެ.

ޑިޝާގެ އިންސްޓަގްރާމްގައި ދޮންވެލި އަތިރިމަތީ ޔޯޓެއްގައި ނަގާފައި އިން ފޮޓޯއެއް ފިޔަވާއި އިތުރު ފޮޓޯއެއް ނެތެވެ. އެ ފޮޓޯ ޕޯސްޓްކޮށްފައި އިނީ މިއަދު އެވެ. ޑިޝާގެ އިންސްޓަގްރާމް ސްޓޯރީގައި އިން ފޮޓޯއިން ވެސް ފެންނަނީ ހަމައެކަނި އޭނާ އެވެ. ޓައިގާގެ އިންސްޓަގުރާމްގައި އަދި މިހާތަނަށް މި ދަތުރުގައި ނަގާފައިވާ އެއްވެސް ފޮޓޯއެއް ޕޯސްޓް ކޮށްފައެއް ނުވެ އެވެ.

މިހެން މި ބުނީ މީގެ ކުރިން މިއަހަރު ކުރީކޮޅު އާ އަހަރު ފާހަގަކުރަން މި ދެ ތަރިން ރާއްޖެއައި އިރު އެއްކޮށް ނަގާފައި ހުރި ގިނަ ފޮޓޯތައް އިންސްޓަގުރާމްގައި ހިއްސާ ކުރީތީ އެވެ. މިފަހަރު ނުކުރަނީ ކީއްވެ ހެއްޔެވެ؟ ފަހަރުގައި މި ދެ ތަރިން ރާއްޖޭގައި ސިއްރު ޗުއްޓީއެއް ހޭދަކުރަނީ ހެއްޔެވެ؟ ނޫނީ ޑިޝާއާއެކު ޓައިގާ ރާއްޖެ ނާދޭ ހެއްޔެވެ؟

ޓައިގާ އާއި ޑިޝާއަކީ ރައްޓެހިވެގެން އުޅޭ ދެ މީހުންގެ ކަމަށް މުޅި ބީ-ޓައުންގައި ހަބަރު އޮވެ އެވެ. ނަމަވެސް މިހާތަނަށްވެސް މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެ އެވެ.

ދެ މީހުން އެއްކޮށް ފުރަތަމަ ފަހަރަށް ކުޅުނު ފިލްމު "ބާޣީ 2" ވެސް ވަނީ މިދިޔަ މާޗު މަހު ރިލީޒްކޮށްފަ އެވެ. ބޮޑު ކާމިޔާބީއެއް ހޯދި އެ ފިލްމަށް 100 ކަރޯޑަށްވުރެ ބޮޑު އާންމަދީއެއް ލިބިފައިވެ އެވެ. އެ ދެ މީހުނަށް މިހާ ބޮޑު ކާމީޔާބީއެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

ފިލްމު "ބާގީ 2" ގެ ލަވައެއް.

ޓައިގާ މިހާރު ތައްޔާރުވަމުން އަންނަނީ ކުރިއަށް އޮތް އޭނާގެ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ 2" އަށެވެ. ޕުނީތް މަލްހޯތްރާ ޑައިރެކްޓުކުރާ އެ ފިލްމު ޕްރޮޑިއުސްކުރަނީ މަޝްހޫރު ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރް އެވެ. މި ފިލްމު ރިލީޒްކުރަނީ އަންނަ ނޮވެމްބަރު މަހު 23 ގަ އެވެ.

މި ފިލްމުގެ އިތުރަށް ޔަޝް ރާޖް ފިލްމްސް އިން އުފައްދާ ފިލްމަކަށްވެސް ޓައިގާ ވަނީ ސޮއިކޮށްފަ އެވެ. އެ ފިލްމުގައި ޓައިގާ ފެނިގެންދަނީ އޭނާގެ އައިޑޮލް ރިތިކް ރޯޝަންއާއެކު އެވެ. މީގެ އިތުރުން ސިދާތް އާނަންދުގެ ފިލްމު "ރާމްބޯ" ކުޅުމަށްވެސް އޭނާ ވަނީ އެއްބަސްވެފަ އެވެ.

ޑިޝާއަށްވެ މިހާރު ވަނީ އާ ފިލްމެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިިބިފަ އެވެ. ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމު "ބާރަތް" ގައި ރޯލެއް ކުޅުމަށް އޭނާ މިހާރު ވަނީ އެއްބަސްވެފަ އެވެ. އެ ފިލްމުގައި ސަލްމާނާއެކު ލީޑުން ފެނިގެންދާނީ ގްލޯބަލް ސްޓާ ޕްރިޔަންކާ ޗޯޕްރާ އެވެ. ފިލްމުގެ ކާސްޓަށް މިހާރުވެސް އަންނަނީ އިތުރު ތަރިން ނަގަމުންނެވެ.