ރާއްޖެއަށާއި ސްރީލަންކާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރުމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ނިންމަވައިފި އެވެ.
ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގެ މަގާމަށް ޓްރަމްޕް އައްޔަން ކުރެއްވީ އެލައިނާ ބީ ޓެޕްލިޒް އެވެ. އޭނާ މިހާރު ހުންނެވީ އެމެރިކާއިން ނޭޕާލަށް ކަނޑައަަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގަ އެވެ. އޭނާ އެ މަގާމަށް ހަމަޖައްސަވަން ރުހުން ހޯއްދެވުމަށް ރައީސް ޓްރަމްޕް މިހާރު ވަނީ އެމެރިކާ ޕާލަމެންޓްގެ މަތިގެ ސެނެޓަށް ހުށަހަޅުއްވާފަ އެވެ.
އެލައިނާ ބީ ޓެޕްލިޒް އަކީ އެމެރިކާގެ ފޮރިން ސާވިސްގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ތެރެއިން ވަރަށް ސީނިއާ ބޭފުޅެކެވެ. އެގޮތުން އޭނާއަކީ މިނިސްޓާ ކައުންސިލާ ރޭންކްގެ ބޭފުޅެކެވެ. އޭނާ ކުރިން އަދާ ކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ޑައިރެކްޓާ އޮފް ދަ އަންޑަ ސެކްރެޓަރީ ފޯ މެނޭޖްމެންޓްސް އޮފީސް އޮފް ޕޮލިސީކަން ހިމެނެ އެވެ. އެއީ އެސިސްޓެންޓް ސެކްރެޓަރީ ރޭންކްގެ މަގާމެކެވެ.
ރާއްޖެއަށާއި ސްރީލަންކާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައި މިހާރު ހުންނެވީ އަތުލް ކެޝަޕް އެވެ. އޭނާ އެމަގާމަށް ހަމަ ޖެއްސެވީ 2015 ވަނަ އަހަރު އޭރުގެ ރައީސް ބަރަކް އޮބާމާއެވެ.