އެމެރިކާމީހުން ރާއްޖެއައުމުގައި ސަމާލުވާން އަންގާފައިވަނީ މައުލޫމާތުގެ ކުށަކުން ކަމަށާއި، އެކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ރާއްޖެއަށް ނެރެފަައި ވަނީ "ލެވެލް 2" ޓްރެވެލް އެޑްވައިޒަރީ އެކެވެ. މިދިޔަ އަހަރު ވެސް އެމެރިކާއިން ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވެ އެވެ.
ރާއްޖެއަށް ދަތުރު ކުުރުމުގައި އިތުރަށް ސަމާލުކަންދޭން އެންގި ސަބަބެއް ކަމަށް ބުނެފައި ވަނީ ޓެރަރިސްޓް ގްރޫޕަކުން ރާއްޖޭގައި ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމެވެ. އެގޮތުން ބުނެފައި ވަނީ ކުޑަ ކުޑަ އިންޒާރަކާ އެކުގައި ނުވަތަ އިންޒާރަކާ ނުލައި ވެސް ހަމަލާއެއް ދީފާނެ ކަމަށެވެ. ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭ ތަންތަން ވެސް އެމެރިކާއިން ވަނީ ފާހަގަކޮށްފައެވެ.
ޓްރެވެލް އެޑްވައިޒަރީއާއި ގުޅިގެން ޝާހިދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެެންޓުން ނެެރެފައިވާ ޓްރެވެލް އެޑްވައިޒަރީއާ ގުޅިގެން އެމެރިކާގެ އެމްބަސީއާ ސަރުކާރުން ވާހަކަ ދައްކަމުން ގެންދާ ކަމަށާއި، އެ އެޑްވައިޒަރީ ނެރެވިފައިވަނީ މައުލޫމާތުގެ ކުށަކުން ކަމަށް އެމެރިކާ އެމްބަސީން ބުނެފައިވާ ކަމަށެވެ. އަދި އެ އެޑްވައިޒަރީގެ މައްސަލަ ވީއެންމެ އަވަހަކަށް ހައްލު ކުރަމުން އަންނަ ކަމަށް އެމްބަސީއިން އަންގާފައިވާ ކަމަށެވެ.
ޝާހިދުގެ ޓުވީޓް ރީޓްވީޓް ކުރައްވާ އެމެރިކާއިން ލަންކާއަށާއި، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް ވަނީ ކުރީގެ ޓްރެވެލް އެޑްވައިޒަރީއެއް ނެރެވިފައިވާ ކަމަށާއި، އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާއިން މި އެޑްވައިޒަރީ ނެރުނީ އަވަށްޓެރި ލަންކާގައި ދިން ހަމަލާތަކާ ގުޅިގެންނެވެ. ލަންކާގެ ހަމަލާތަކަށްފަހު ރާއްޖޭގެ ޓޫރިޒަމަށް ވެސް އޭގެ އަސަރު ވަނީ ކޮށްފަ އެވެ.