ފައިސަލް ނަސީމް

މަތީ ފެންވަރުގެ ވަފުދަކާއެކު ނާއިބު ރައީސް ނިއުޔޯކަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އދގެ އާންމު މަޖިލީހުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތީމެޓިކް ޑިބޭޓްގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިއުޔޯކްގެ ޖޯން އެފް ކެނެޑީ އިންޓާނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝާހިދެވެ.

ނައިބުގެ މި ދަތުރުފުޅަކީ އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް "ޕުޓިން ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ" މައުލޫއަށް ފައްޓަވާފައިވާ މަތީ ފަންތީގެ ތީމެޓިކް ޑިބޭޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު ޝަމްޞަދާ އަދި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.