ހޮލީވުޑް

ގިލިއަރްމޯ ބިރުވެރި ސީރީޒެއް އުފައްދަނީ

މި އަހަރު އޮސްކާ އެވޯޑު ހޯދި ޑައިރެކްޓަރު ގިލިއަރްމޯ ދެލް ތޯރޯ ބިރުވެރި ސީރީޒެއް އުފެއްދުމަށް ނެޓްފްލިކްސްއާއެކު މަސައްކަތް ފަށައިފި އެވެ. ގިލިއަރްމޯ، އަކީ މި އަހަރު އޮކްސާގައި އެންމެ މޮޅު ފިލްމަކަށް ހޮވުނު "ދި ޝޭޕް އޮފް ވޯޓާ" ގެ ޑައިރެކްޓަރެވެ.

ބިރުވެރި އެންތޮލޮޖީ ސީރީޒެއް ނުވަތަ ކޮންމެ އެޕިސޯޑެއްގައި ވަކި ހާދިސާއެއް ގެނެސްދޭ މި ސީރީޒް ޕްރޮޑިއުސްކުރަނީވެސް "ދި ޝޭޕް އޮފް ވޯޓާ" ގެ ޕްރޮޑިއުސަރު ޖޭ. މައިލްސް ޑޭލް އެވެ. މި ސީރީޒް ވާނީ ނެޓްފްލިކްސް ފުރަތަމަ ބިރުވެރި އެންތޮލޮޖީ ސީރީޒް އަށެވެ.

މި ސީރީޒްގެ އެޕިސޯޑުތައް ލިޔެފައި ވަނީވެސް ގިލިއަރްމޯ އެވެ. ވާހަކަތައް ލިޔެފައި ވަނީ އޭނާގެ އަމިއްލަ ހިޔާލުތަކުގެ މައްޗަށް ބިނާކޮށެވެ. ސްކްރީޕްލޭ ތައްޔާރުކުރުމަށް އެކަމަށް ހާއްސަ ޓީމެއް އޭނާއާއެކު މަސައްކަތް ކުރާނެ އެވެ.

ގިލިއަރްމޯއަކީ ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. ޑައިރެކްޓުކުރުމުގެ އިތުރަށް ފިލްމާއި ސީރީޒްތަކުގެ ވާހަކަ ލިޔުމާއި އަދި ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް އޭނާ މަސައްކަތް ކޮށްފައިވެ އެވެ. "ދި ޝޭޕް އޮފް ވޯޓާ" އަކީ އޭނާގެ އެންމެ ކާމިޔާބު މަސައްކަތެވެ.