ވިޔަފާރި

ބާޒާރުގައި މިރުހުގެ ހިތްގައިމު ކުލަތައް

May 27, 2018
1

ރޯދަ މަސް ފެށިގެން ހަފުތާއެއް ފަނަހަ އަޅައި ދިޔައިރު، ބާޒާރުން ފަނޑުނުވި ކުލައަކީ މިއީ އެވެ. އެއީ ދިވެހި މިރުހުގެ ރީތި ކުލަ ތަކެވެ. މުޅި ބާޒާރަށް ބަލާއިރު އެންމެ ރީތި މަންޒަރަކީ ދިވެހި މިރުހުން ބާޒާރު މުއްސަނދިވެފައި ވުމެވެ. މި ހިތް ގައިމު މަންޒަރު، ތަފާތު ކުލަތައް ވަރަށް ޗާލެވެ.

މިރުހުގެ ވައްވަރުތަކުގެ ތެރޭގައި ކުރިންވެސް ބާޒާރުގައި އެންމެ ހިނގާ ދިވެހި މިރުހުގެ ހުރިހާ ވައްތަރުތަކެއް މިއަހަރު ވެސް ލިބެން އެބަހުއްޓެވެ. އެކަމަކު ބައެއް ބާވަތްތައް ވަނީ ނިސްބަތުން މަދުވެފަ އެވެ. ކުރިން ބާޒާރުގައި މިރުހުގެ ރާނީގެ ގޮތުގައި ބެލުނު "ރާބިއާ މިރުސް" މިހާރު ފެންނަނީ ވަރަށް މަދުންނެވެ.

މީގެ އެއް ސަބަބަކީ މިއަހަރު މިރުސް ހެއްވުމުގައި ދިމާވި ދަތިތައް ކަމަށް "އަވަސް" އާ ވާހަކަދެއްކި ބައެއް ދަނޑުވެރިން ބުނެފައިވެ އެވެ. މި އަހަރު ދިމާވި މައިގަނޑު އެއް މައްސަލައަކީ މޫސުން ގޯސްވެ ދަނޑުތަކަށް ގެއްލުންވުމެވެ.

ނަމަވެސް، މި އަހަރުވެސް ކާށިދޫ އާއި ކަނޑޫދޫ ފަދަ ރަށްރަށުން މިރުސް ގެނެސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ބާޒާރުގައި އެންމެ ގިނައިން ފެނުނު ޔުގެންޑާ މިރުސް މި އަހަރު އަދި ނުގެނެ އެވެ.

ކޮންމެއަކަސް ރޯދަ މަސް ފެށިގެންދާއިރު، މި އަހަރުވެސް ބާޒާރަށް އެންމެ ރީތިކަން ގެނެސްދޭ އެއް ބާވަތަކަށް މިވަނީ މިރުހެވެ. މިރުހުގެ ކުލަ ތަކެވެ.