ހޮލީވުޑް

"ޖޭމްސް ބޮންޑް"ގެ އާ ފިލްމު ޑައިރެކްޓުކުރަނީ ޑެނީ

"ޖޭމްސް ބޮންޑް" ގެ 25 ވަނަ ފިލްމު ޑައިރެކްޓް ކުރަން އޮސްކާ އެވޯޑު ހޯދާފައިވާ ޑައިރެކްޓަރު ޑެނީ ބޮއިލް ހަމަޖައްސައިފި އެވެ.

މި ފިލްމު ފްރެންޗައިޒްގެ ޕްރޮޑިއުސަރުން ބުނީ މި ފިލްމުގައި ވެސް ޖޭމްސް ބޮންޑުގެ ރޯލުން ފެނިގެންދާނީ އެ ފްރެންޗައިޒްގެ އެންމެ ފަހު ހަތަރު ފިލްމުގައި ވެސް ޖޭމްސް ބޮންޑުގެ ރޯލު ކުޅު ޑެނިއެލް ކްރެގް ކަމަށެވެ. ޖޭމްސް ބޮންޑްގެ ކެރެކްޓާއަކީ އިނގެރޭސިވިލާތަށް ނިސްބަތްވާ ޖާސޫސްކުރާ މީހެކެވެ.

މި ފިލްމުގެ ޝޫޓިން އަންނަ ޑިސެމްބަރު މަހު ފަށާނެ އެވެ. ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރު މެދު ތެރޭގަ އެވެ.

ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ މައިކަލް ޖީ ވިލްސަން އާއި ބާބްރާ ބްރޮކޮލީ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޑެނީއަކީ ކާމިޔާބު ޑައިރެކްޓަރެއް ކަމަށާއި އޭނާގެ ހުނަރާއި މެދު އެއްވެސް ޝައްކެތް ނެތް ކަމަށެވެ. ޑެނީއަށް އޮސްކާ ލިބުނީ ފިލްމު "ސްލަމްޑޯގް މިލިއަނާ" އިންނެވެ.

މީގެ ކުރިން ޑެނީ ވަނީ ކްރެގްއާއެކު ކުރު ފިލްމެއްގައި ވެސް މަސައްކަތްކޮށްފަ އެވެ. އެ ކުރު ފިލްމަކީ 2012 ވަނަ އަހަރު ލަންޑަންގައި އޮތް އޮލިމްޕިކްސް އާއި ގުޅުވައިގެން ތައްޔާރުކުރި ފިލްމެކެވެ.

ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކުރަނީ ޖޯން ހޮޖް އެވެ. ޖޯންއާއެކު ވެސް ޑެނީ ވަނީ މަސައްކަތްކޮށްފަ އެވެ. ޑެނީ ޑައިރެކްޓުކުރި ފިލްމު "ޓްރެއިންސްޕޮޓިންގް" ގެ ސްކްރީޕްލޭ ތައްޔާރުކުރީ އޭނާ އެވެ.