ހޮލީވުޑް

އޯޝަންސް އެއިޓް: ކާސްޓުގައި ނުފޫޒުގަދަ ބަތަލާއިން

"އޯޝަންސް އެއިޓް" ގެ އޮފިޝަލް ޓްރެއިލާ.

ވާނާ ބްރޯސް ޕިކްޗާސް އިން ގެނެސްދޭ ފިލްމު "އޯޝަންސް 8" އަކީ މިހާރު އެންމެ އިންތިޒާރުކުރެވޭ ހޮލީވުޑް ފިލްމަށް ވާނެ އެވެ. ހޮލީވުޑްގެ ބައެއް ނުފޫޒުގަދަ ބަތަލާއިންނާއެކު ގެނެސްދޭ މި ފިލްމަކީ މަޝްހޫރު "އޯޝަންސް" ފިލްމު ސީރީޒްގެ އަންހެން އެކްޓަރުންގެ ސްޕިން އޮފް ފިލްމެވެ. މި ފިލްމު އަންނަ މަހު އަށެއްގައި ރިލީޒް ކުރާނެ އެވެ.

މި ފިލްމުގައި ފެނިގެންދާ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ސެންޑްރާ ބުލޯކް، ކޭޓް ބްލެންޗެޓް، އޭން ހެތަވޭ، ރިއޭނާ، ހެލޭނާ ބޯންހަމް ކާޓާ، މިންޑީ ކޭލިންގް، ސާރާ ޕޯލްސަން އަދި އައުކަފީނާ ހިމެނެ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޖޭމްސް ކޯޑެން، ޑޮކާޓާ ފެނިންގް އަދި ރިޗާޑް އާމިޓޭޖް ވެސް ހިމެނެ އެވެ.

މި ފިލްމު ސީރީޒްގެ ފުރަތަމަ ފިލްމަކީ 2001 ވަނަ އަހަރު ނިކުތް "އޯޝަންސް އިލެވެން" އެވެ. އޭގެ ފަހުން މިހާތަނަށް އިތުރު ދެ ފިލްމެއް ގެނެސްދީފައިވެ އެވެ. އެ ފިލްމުތަކުގައި މެއިން ކާސްޓުންގެ ގޮތުގައ ފެނިގެންދިޔައީ ހުސް ފިރިހެން އެކްޓަރުންނެވެ.

މީގެ މަހެއް ކުރިން އާންމުކޮށްފައިވާ މި ފިލްމުގެ ޓްރެއިލާގައި ވަނީ ފިލްމުގައި ފެނިގެންދާ ހުރިހާ ތަރިންގެ ކުޑަ ތައާރަފެއްދީފަ އެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނަނީ 150 މިލިއަން ޑޮލަރުގެ އަގުހުރި ޖަވާހިރުން ތައްޔާރުކޮށްފައިވާ ކަރުގައި އަޅާ ހާރަކަށެވެ. މި ހުރިހާ އެންމެންގެ މަގުސަދަކަށް ވާނީ އެ ހާރު ވަގަށް ނެގުމެވެ.

ސްޓީވެން ސޮޑަބާގް ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓުކުރަނީ ގެރީ ރޯސް އެވެ. ކުރީގެ ފިލްމުތައްވެސް ޕްރޮޑިއުސްކޮށްފައި ވަނީ ސްޓީވެން އެވެ. ފިލްމުގެ ވާހަކަ ލިޔެފައި ވަނީ ގެރީ އާއި އޮލިވިއާ މްލިޗް އެވެ.