ހޮލީވުޑް

ކަފާލާތުގެ ދަށުން ހާވީ ދޫކޮށްލީ އެއް މިލިއަން ޑޮލަރަށް

ހޮލީވުޑްގެ ކުރީގެ މަޝްހޫރު ޕްރޮޑިއުސަރު ހާވީ ވައިންސްޓީން ކަފާލާތުގެ ދަށުން ގޭ ބަންދަށް ދޫކޮށްލައިފި އެވެ. ކަފާލާތުގެ ދަށުން ގޭ ބަންދަށް އޭނާ ދޫކޮށްލީ އެއް މިލިއަން ޑޮލަރަށެވެ. އޭނާގެ މައްޗަށް ވަނީ ގަދަކަމުން އަންހެނަކާއެކު ޖިންސީ ގުޅުން ހިންގުމަށް މަސައްކަތްކުރިކަމުގެ ދައުވާ އުފުލާފަ އެވެ.

ހާވީ، 66، ދޫކޮށްލީ ގައިގައި ޖީޕީއެސް ޓްރެކާ ހަރުކުރުމަށާއި ޕާސްޕޯޓް ފުލުހުންނާއި ހަވާލުކުރުމަށް އެއްބަސްވުމަށްފަހު އެވެ.

ހާވީގެ މައްޗަށް ކޮށްފައިވާ ތުހުމަތަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ. އޭނާގެ މައްޗަށް މި ތުހުމަތުކޮށްފައި ވަނީ މަޝްހޫރު އެކްޓްރެސް ރޯޒް މެކްގޯވަން އެވެ. ކުރީގެ އެކްޓްރެސް ލޫކަސް އީވަންސް އާއި މިހާރުގެ މަޝްހޫރު އެކްޓްރެސް އެންޖެލީނާ ޖޯލީވެސް ވަނީ ހާވީ މައްޗަށް މި ތުހުމަތުކޮށްފަ އެވެ.

ރޯޒްގެ އިތުރުން، އިތުރު 70 އަންހެނަކު ވަނީ ހާވީ ފަރާތުން ޖިންސީ ތަފާތު އަނިޔާތަކާއި ކުރިމަތިވި ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް މީގެ ތެރެއިން ދައުވާކުރެވޭ ވަރަށް ހެކި ހުރީ އެންމެ ދެ އަންހެނުންގެ އަތުގަ އެވެ.

ހާވީގެ ލޯޔަރުން ވަނީ އޭނާގެ ކުށެއް ނެތްކަމަށް ޝަރީއަތުގެ ފުރަތަމަ އަޑު އެހުމުގައި ބުނެފަ އެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ އެއްވެސް ސާބިތު ހިފޭ ހެއްކެތް ނެތް ދޮގު ތުހުމަތެއްކަމަށް ބުނެ އޭނާ ދޫކޮށްލުމަށްވެސް އެދިފައިވެ އެވެ. މި މައްސަލައިގެ އަޑު އެހުމެއް ދެން އެންމެ އަވަހަށް އޮންނާނީ އަންނަ ޖުލައި މަހު 30 ގަ އެވެ.

މި މައްސަލައާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ޝޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޖިންސީ ފުރައްސާރައާއި ދެކޮޅަށް ހޮލީވުޑުން ވަނީ ދާދިފަހުން #މީޓޫ މޫވްމެންޓްގެ ނަމުގައި ހާއްސަ ކެމްޕެއިންވެސް ފަށާފަ އެވެ. މި ކެމްޕެއިންގެ ދަށުން ގިނަ ބަޔަކު އަންނަނީ ހޮލީވުޑްގައި، ހާއްސަކޮށް އަންހެން އެކްޓަރުންނަށް ކުރިމަތިވާ ތަފާތު ޖިންސީ ފުރައްސާރަތާކާއި ތަފާތުކުރުންތަކާއި ބެހޭގޮތުން ވާހަކަދައްކާއި އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.