ވެރިކަމަށް ހޮވިއްޖެ ނަމަ އޭނާގެ ސަރުކާރުުގައި މަތީ ތައުލީމް ހިލޭ ދިޔެވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން އިއުލާންކޮށްފައިވާ އުމަރު، އޭނާގެ ތައުލީމީ ސިޔާސަތު ހާމަ ކުރައްވަމުން ވިދާޅުވީ، މަތީ ތައުލީމަކީ ކޮންމެ އާއިލާއެއްގެ ދަރިއަކަށްވެސް ފުރުސަތު އޮތް ތައުލީިމަކަށް ވުން ލާޒިމް ކަމަށާއި ފައިސާނެތް އާއިލާތަކުގެ ދަރީންނަށް މަތީ ތައުލީމު ނުލިބޭނަމަ ރާއްޖެއަކަށް ތަރައްގީގެ އިތުރު ހަރުފަތަކަށް ނޭރޭނެ ކަމަށެވެ. އަދި ގައުމެއް ކުރި އެރޭނީ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ސަރުކާރުން އިންވެސްޓްކޮށްގެން ކަމަށާއި ދަރީންގެ މަތީ ތައުލީމަށް ހަމައެކަނި އިންވެސްޓް ކުރަން ޖެހެނީ އާއިލާތަކުން ކަމަށް ދެކޭނަމަ ގައުމު ހަމަ އިސްކޮޅަކަށް ނުތެދުވެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، ވޭތުވެދިޔަ އަހަރު ތަކުގައި ރާއްޖޭގައި މަތީ ތައުލީމަށް އިސްކަން ދީފައިވަނީ ވަރަށް ކުޑަކޮށް ކަމަށާއި ދައުލަތުގެ ބަޖެޓުން މަތީ ތައުލީމަށް ހޭދަ ކުރަނީ ވެސް ވަރަށް ދަށް އަދަދެއް ކަމަށެވެ. އަދި ވިދާޅުވީ، ޝަރުތު ހަމަވާ އެއްވެސް ކުއްޖަކު ފައިސާގެ ތަނަވަސްކަން ނެތިގެން މަތީ ތައުލީމުން މަހްރޫވިޔަ ނުދޭނެ ކަމަށެވެ.
"މަތީ ތައުލީމު ހާސިލް ކޮށްގެން ތިބި މީހުންގެ ނިސްބަތަކީ އާބާދީގެ 0.2 ޕަސެންޓް. މިއީ ކިޔަވާ ކުދިންގެ މައިންބަފައިން ވަރަށް ކަންބޮޑުވާނެ ކަމެއް. އަދި މިނިވަން ވިޔަފާރިއެއް ގާއިމް ކުރަމުންދާ، ތަރައްގީ ވެފައިވާ ގައުމުތަކުގެ ކުރިމަތީގައި ލަދުގަންނަން ޖެހޭ ވަރުގެ ދަށް އަދަދެއް، އަޅުގަނޑުގެ ސަރުކާރެއްގައި މަތީ ތައުލީމު މުޅިން ހިލޭ ކުރެވޭނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، މަތީ ތައުލީމު ނިންމާ ކޮންމެ ދަރިވަރަކު ރާއްޖޭގައި ހިދުމަތް ކުރުމަށް ޝަރުތުކޮށް ސަރުކާރުން އެ ދަރިވަރަކު ސްޕޮންސާ ކުރާނެ ކަމަށެވެ. އަދި ލޯނު ނަގައިގެން، މިހާރު މަތީ ތައުލީމަށް ކިޔަވަމުންދާ ދަރިވަރުންގެ ލޯނުތައް ވެސް މާފުކޮށްދީ، އެ ސުކީމްގައި އެ ދަރިވަރުން ބައިވެރި ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ދީނީ އިލްމުވެރިން އިތުރު ކުރުމަށްޓަކައި ދީނީ އިލްމުގެ ރޮނގުން ރާއްޖެ އާއި ރާއްޖެ އިން ބޭރުން ހޯދައިދެވޭ މަތީ ތައުލީމުގެ ފުރުސަތުތައް އިތުރު ކުރެވޭނެ، އަޅުގަނޑުގެ ސަރުކާރެއްގެ އަމާޒަކަށް ވާނީ މަތީ ސާނަވީ ނިންމާ ކޮންމެ ކުއްޖަކީ މަތީ ތައުލީމާއި ހުނަރު ހާސިލް ކޮށްގެން ހުންނަ ކުއްޖަކަށް ހެދުން، މެދުފަންތީގެ އާއިލާތަކާއި ފުދުންތެރި ނޫން އާއިލާތައް، އެ މީހުންގެ ނިކަމެތިކަމުން ނެރެވޭނީ އެ މީހުންގެ އާއިލާތަކަށް މަތީ ތައުލީމުގެ ފުރުސަތު ހިލޭ ފޯރުކޮށްދީގެން، އެހެން ނޫނީ އާއިލާގެ ނިކަމެތިކަން އެ މީހުންގެ ދަރިންނަށް ވާރުތަ ކުރާނެކަން ކަށަވަރު،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، އަތޮޅުތަކުގައި ކިޔަވާ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައި ދިނުމަށްޓަކައި ވަކިން ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އުމަރު ވިދާޅުވީ، 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާގައި ފަސްޓް ޑިގްރީ އަށް ކިޔަވާ ދަރިވަރުންގެ ތެރެއިން އަތޮޅުތަކަށް ނިސްބަތްވީ އެންމެ 12 ޕަސެންޓު ދަރިވަރުން ކަމަށާއި އެ އަހަރު މާސްޓާސް އަށް ކިޔަވަމުން ދިޔަ ދަރިވަރުންގެ ތެރެއިން އަތޮޅުތަކަށް ނިސްބަތްވީ އެންމެ 16 ޕަސެންޓް ދަރިވަރުން ކަމަށެވެ.
"މާލެ އާއި އަތޮޅުތަކުގައި މަތީ ތައުލީމުގައި މި އޮތް ފަރަގު އިރާދަކުރެއްވިއްޔާ އަޅުގަނޑު ނައްތާލައި، މަތީ ތައުލީމު މުޅި ރާއްޖެ އަށް ފަތުރާލާނަން. މަތީ ތައުލީމް ދިނުމުގެ ގާބިލްކަން ހުރި އަމިއްލަ ފަރާތްތަކަށް ބިން ހިލޭ ދޫކުރުމާއި އިމާރާތް ކުރުމަށާއި ވަސީލަތް ހޯދުމަށް ހިލޭ އެހީ ދިނުމާއި އިމާރާތް ކުރުމަށާއި ތަކެތި ހޯދުމަށް ލުއި ލޯނު ހޯދައި ދިނުމުގައި ސަރުކާރުން އެހީތެރިވާނެ" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި މަތީ ތައުލީމަށް ހާއްސަ މިނިސްޓްރީއެއް އުފައްދައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އަކީ ގާނޫނަކުން ކަނޑައަޅާފައިވާ ވަކި މުއައްސަސާ އަކަށް ހަދާނެ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިިގަނޑު ހިމާޔަތް ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ، މަތީ ތައުލީމު ފޯރުކޮށްދޭ އަމިއްލަ އިންޑަސްޓްރީ އަކަށް ސަރުކާރުން މަގުފަހިކޮށްދީ، ރިސާޗް އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ފަންޑް އެއް ގާއިމް ކޮށްދޭނެ ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ، މަތީ ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުން މަތީ ތައުލީމް ހޯދަމުންދާއިރު ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހޯދުމަށް މަގުފަހި ކުރުމަށްޓަކައި އެޕްރެހެންޝިޕް ގާނޫނު އެކުލަވާލާނެ ކަމަށެވެ. އެއިރުން މަތީ ތައުލީމް ހާސިލްކޮށް ނިމޭއިރު އެދަރިވަރުންނަކީ ވަޒީފާއަށް ފައްކާވެފައިވާ ބަޔަކަށް ހެދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ކޮންމެ އަހަރަކު އޭ ލެވެލް އިން ހޮވާލެވޭ ދެ ޖިންސުގެ 100 ކުދިން ރާއްޖެ އިން ބޭރަށް ފޮނުވުމާއި ރާއްޖެ އަށް ބޭނުންވާ ދާއިރާތަކުން ދުނިޔޭގެ އެންމެ މަތީ ޔުނިވަސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ހޯދައިދެވޭނެ. މަތީ ތައުލީމު ހިލޭ ފޯރުކޮށްދީގެން، އުފައްދާ ޒުވާން އާ ޖީލެއްގެ ކޮނޑުގައި ރާއްޖެ އާ މިސްރާބަކަށް ގެންދިއުމަށް އަޅުގަނޑާ އެކު ހިންގަވާ،" އުމަރު ވިދާޅުވި އެވެ.