ސޯނަމް ކަޕޫރް

މައްސަލަ ޖެހުނަސް ސޯނަމްގެ ކައިވެނީގެ ދައުވަތު ދިޕިކާއަށް ދިން

މި މަހުގެ އަށް ވަނަ ދުވަހު އޮތް ބަތަލާ ސޯނަމް ކަޕޫރުގެ ކައިވެންޏަކީ މުޅި ބޮލީވުޑްގެ އެއްތަންވި ހަފްލާ އެކެވެ. ތިން ދުވަހުގެ ތެރޭގައި ކައިވެނީގެ އެކި ރަސްމިއްޔާތުތައް އޮތްއިރު، ސޯނަމްގެ ގާތް ބަތަލާއިންނާއި ބޮލީވުޑްގެ އެކި ފެންވަރުގެ މީހުން ވަނީ އެ ކައިވެނީގައި ބައިވެރިވެފަ އެވެ. އަދި ކައިވެނީގެ އުފަލުގައި އޮތް ރިސެޕްޝަންގައި ބައިވެރިނުވާ ތަރިއަކު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

އަހަރުތަކެއް ކުރިން ސޯނަމްއާ ކުންޏެއް ޖެހިފައި ހުރި ބަތަލާ އަައިޝްވާރިޔާ ރާއި އަށް ވެސް ވަނީ އަމިއްލަ އަށް ގުޅައި ކައިވެނި ޕާޓީ އަށް ދައުވަތު ދީފަ އެވެ. ސޯނަމްގެ ދައުވަތު ގަބޫލުކޮށް އައިޝްވާރިޔާ ވަނީ ފިރިމީހާ އަބީޝެކް ބައްޗަން އާއެކު ޕާޓީ ގައި ބައިވެރިވެފަ އެވެ.

ވާދަވެރި ބޮލީވުޑްގައި ތަރިންގެ މެދުގައި ޒާތީ ހަސަދަވެރިކަން އޮންނައިރު، ސޯނަމް އާއި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނަ އެއް ބަތަލާ އަކަށް ދިޕިކާ ޕަދުކޯން ވާނެ އެވެ. މި ދެ ތަރިން ބޮލީވުޑަށް ނިކުމެފައިވަނީ 2007 ވަނަ އަހަރު އެއް ދުވަހެއްގައި ރިލީޒްކުރި ދެ ފިލްމެއްގަ އެވެ.

ދިޕިކާގެ "އޯމް ޝާންތީ އޯމް" ބޮކްސް އޮފީހުގައި ވިދާލިއިރު، ސޯނަމްގެ "ސާވަރިޔާ" ވީ ބޮޑު ފްލޮޕަކަށެވެ. އެހިސާބުން ފެށިގެން ސޯނަމް އާއި ދިޕިކާ އާ ދެމެދު ކުނިޖެހި އެކި އިވެންޓްތަކުގައި ސޯނަމް ވަނީ ދިޕިކާއަށް ވަށް ބަހުން ޖަހައި ވާހަކަ ދައްކާފަ އެވެ.

އޭގެފަހުން މި ދެ ތަރިން އެކުގައި "ކޮފީ ވިތް ކަރަން" ޝޯ އަކަށް އެރި ނަމަވެސް ދެ މީހުންގެ ދެމެދުގައި މާ ގާތް އެކުވެރިކަމެއް ބަދަހިވެގެންނެއް ނުދެ އެވެ.

ފާއިތުވި އެގާރަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވެސް ދިޕިކާ އާއި ސޯނަމް އާއި ދެމެދު ޖެހުނު މައްސަލަ ހައްލުވެ އެކުވެރިންނަށް ނުވި ނަމަވެސް މާޒީގައި ހިނގާފައި ހުރި ކަންތައް މަތިން ހަނދާން ނައްތާލައި ސޯނަމް ވަނީ ދިޕިކާ އަށް އޭނާގެ ކައިވެންޏަށް ދައުވަތުދީފަ އެވެ.

ސޯނަމްގެ ކައިވެނީގެ އެއްވެސް ހަފްލާއެއްގައި ދިޕިކާ ބައިވެރި ނުވުމުން އޭނާ އަށް ދައުވަތު ނުދިނީ ކަމަށް ވާހަކަތައް ދެކެވުނެވެ. ނަމަވެސް އިއްޔެ އޮތް އިވެންޓެއްގައި ދިޕިކާ އާއި ސޯނަމްގެ ބައްޕަ އަނިލް ކަޕޫރު ބައްދަލުވެ ދެކެވުނު ވާހަކަތަކުން ވަނީ ދިޕިކާ އަށް ދައުވަތު ލިބުނުކަން ޔަގީންވެފަ އެވެ.

އަނިލް ވަނީ ދިޕިކާއާ ބައްދަލުވުމުން ސަލާމްކޮށް ކައިވެނީގެ ރަސްމިއްޔާތުގައި އޭނާ ނެތުމުގެ ފަޅުކަން އިހުސާސްވި ކަމަށް ބުނެފަ އެވެ. ދިޕިކާ ވެސް ވަނީ އަނިލް ކުރެން މާފަށް އެދި އޭނާއަށް ކައިވެނީގައި ބައިވެރިނުވެވުނީ ކާންސް ފިލްމު ފެސްޓިވަލަށް ދާން ޖެހުމުން ކަމަށް ބުނެފަ އެވެ.

ދިޕިކާ އާއި ސޯނަމްގެ މެދުގައި ޖެހުނު ކުނި ހައްލު ނުވިޔަސް އޭނާއަށް ޕާޓީގެ ދައުވަތު ދިން ކަމަށް ބެލެވެނީ ދިޕިކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެކްޓަރު ރަންވީރު ސިންގަކީ ސޯނަމްގެ ދެބެއިން ދެދަރި ބޭބެއަކަށް ވީތީ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ކާންސްގެ ސަބަބުން ދިޕިކާ އަށް ސޯނަމްގެ ކައިވެންޏަށް ނުގޮސް ސަލާމަތްވެވުނީ އެވެ. އިންޑިއާގައި އޭނާ ހުރި ނަމަ އެ ކައިވެނީގައި ބައިވެރިވާނެ ވާނެތޯ އެވެ.