ބޮލީވުޑް

"ބްލައިންޑް"ގައި ސޯނަމް އަކީ ލޯއަނދިރި ފުލުހެއް

ސޯނަމް ކަޕޫރު އަލަށް ފެށި ކްރައިމް-ތުރިލާ ފިލްމު "ބްލައިންޑް" ގައި އޭނާ ކުޅޭ ކެރެކްޓާއަށް ހާއްސަ ތައްޔާރީތަކެއް މިހާރު އޭނާ ގެންދަނީ ވަމުންނެވެ.

އެންމެ ފަހުން "ދަ ޒޯޔާ ފެކްޓާ" އިން ފެނިފައިވާ ސޯނަމް ސޯޝަލް މީޑިއާގައި ޝެއާކުރި ޕޯސްޓެއްގައި "ބްލައިންޑް"ގެ ތައްޔާރީތަކުގެ ބައެއް ފޮޓޯތައް ހިއްސާ ކޮށްފައި ވެއެވެ.

އެގޮތުން ފިލްމުގެ ޑައިރެކްޓަރު ޝޯމޭ މަކީޖާ އާއެކު ސްކްރިޕްޓް ކިޔުމުގެ ސެޝަންއެއްގައި ބައިވެރިވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯނަމް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުން ޝެއާ ކޮށްފަ އެވެ.

ސޯނަމް ބުނެފައިވާ ގޮތުގައި ބައެއް ދުވަސް ދުވަހު ވަރަށް ރަނގަޅަށް މަސައްކަތް ކުރެވެ އެވެ. އަނެއްބައި ދުވަސް ދުވަހު ކަންތައްތައް ދަނީ އުންމީދުކުރާ ގޮތަކަށް ނޫނެވެ.

ސޯނަމްގެ މި ކޮމެންޓަށް ޑައިރެކްޓަރު ޝޯމޭ ވެސް ޖަވާބު ދީފައި ވެއެވެ. އޭނާ ބުނެފައިވަނީ އެމީހުން ބޭނުންވާ ޖާދޫ ފިލްމަށް ގެނެވޭތޯ އެމީހުންނަށް ކުރެވުނު ހުރިހާ ކަމެއް ކުރަން ޖެހޭނެ ކަމަށެވެ.

ފިލްމުގެ ޝޫޓިން މިދިޔަ ޑިސެމްބަރު މަހު 28 ވަނަ ދުވަހު ސްކޮޓްލެންޑުގެ ގްލާސްގޯގައި ވަނީ ފަށާފަ އެވެ.

ސޯނަމް މި ފިލްމުގައި ކުޅެނީ ސީރިއަލް-ކިލާއެއް ހޯދަން މަސައްކަތްކުރާ ލޯ އަނދިރި ޕޮލިސް އޮފިސަރެއްގެ ރޯލެވެ. "ބްލައިންޑް" އަކީ 2011 ގައި އުފައްދާ ރިލީޒްކުރި ކޮރެއާ ފިލްމު "ބްލައިންޑް" ގެ ހިންދީ ރިމޭކެވެ.

މިހާރު ހަމަޖެހިފައި ވަނީ މި އަހަރުގެ ކޮންމެވެސް ހިސާބެއްގައި ފިލްމު ރިލީޒް ކުރުމަށެވެ. ނަމަވެސް އަދި ވަކި ތާރީޚެއް ހަމަޖައްސާފައެއް ނުވެ އެވެ.