ހަބަރު

ނަޝީދު ޔާމީނަށް: މިއީ ސުލްހަވެ އާ ފެށުމަކުން ފަށަންވީ ވަގުތު

May 28, 2018
26

މިއީ އެންމެ އަލުން އަނބުރާ އިށީންދެ ފުރިހަމަ ސިޔާސީ އިންތިހާބެއް ބޭއްވުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށް ގޮވާލައްވައިފި އެވެ.

އެމްޑީޕީން އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި "ސްކައިޕް" މެދުވެރިކޮށް ދެއްވި މެސެޖްގައި ނަޝީދު ވިދާޅުވީ، އިދިކޮޅު ލީޑަރުން ޖަލުގައި ބޭތިއްބުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށާއި އެބޭފުޅުން ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށެވެ. އަދި މިއީ އެބޭފުޅުންނާއެކު އަލުން އަނބުރާ އިށީންދެ ފުރިހަމަ ސިޔާސީ އިންތިހާބެއް ބޭއްވުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި ހުރިހާ ބޭފުޅުން ސުލްހަވެރިކަމާއެކު އިށީންދެ ރާއްޖޭގެ ހައްލުތައް ހޯދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރައީސް ޔާމީންނަށް ދަންނަވަން އޮތީ މިއީ ވަގުތޭ، އަޅުގަނޑުމެން އަލުން އަނބުރާ އިށީންދެ ފުރިހަމަ ސިޔާސީ އިންތިހާބެއް ބޭއްވުމަށް މަސައްކަތް ކުރަންވީ ވަގުތު، ރައީސް ޔާމީންނަށް ދަންނަވަން އޮތީ ރައީސް މައުމޫން ޖަލުގައި ބޭންދުމަކީ ބުއްދިވެރި ގޮތެއް ނޫން، އެބޭފުޅާ ދޫކޮށްލައްވާށޭ، ގާސިމް ދޫކޮށްލައްވާށޭ، ޝެއިހް އިމްރާން ދޫކޮށްލައްވާށޭ، އެހެން ސިޔާސީ ބޭފުޅުންވެސް ދޫކޮށްލައްވާށޭ، ކާނަލް ނާޒިމާއި އަހުމަދު އަދީބުވެސް އިންނެވީ ޖަލުގައި، މަޖިލިސް މެންބަރުންވެސް ތިއްބެވީ ޖަލުގައި، އެބޭފުޅުން ދޫކޮށްލައްވާ، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އިންނެވީ ޖަލުގައި، އެބޭފުޅުންވެސް ދޫކޮށްލައްވާ، ކުރީގެ ޕީޖީ އާއި ކުރީގެ ސީޕީ އިންނެވީ ޖަލުގައި، އެބޭފުޅުންވެސްް ދޫކޮށްލައްވާ، ހުރިހާ ބޭފުޅުން ސުލްހަވެރިކަމާއެކު އިށީންދެ ރާއްޖޭގެ ހައްލުތައް އަޅުގަނޑުމެންނަށް ހޯދޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބު މިވަނީ ފެށިފައި ކަމަށާއި ރިޔާސީ އިންތިހާބަކީ އެންމެ ދުވަހެއް ނޫން ކަމަށެވެ. އަދި ރިޔާސީ އިންތިހާބަކީ ރައްޔިތުން ވޯޓް އަޅާ ދުވަސް ނޫން ކަމަށާއި މިއަދު މިވަނީ ރިޔާސީ އިންތިހާބު ފެށިފައި ކަމަށާއި ދުނިޔޭގެ ގައުމުތަކުންނާއި ރާއްޖޭގެ ރައްޔިތުން މިކަން މާފުރިހަމައަށް ބަލައިގަނެފައިވާ ކަމަށެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން އެވަނީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވައި، އެވަނީ ރަތް ރޮނގެއް ހުރަސްކޮށްފައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އިލެކްޝަން ކޮމިޝަން އަލުން އަނބުރާ އެކުލަވާލުން މިއަދު ވަރަށް މުހިންމު ކަމަށާއި މި އިންތިހާބު ބަލަހައްޓައިދިނުމަށް ރާއްޖޭގެ ރައްޔިތުންނަށްވެސް އަދި ބައިނަލް އަގުވާމީ ފަރާތްތަކަށްވެސް ގޮވާލާކަމަށެވެ، އީސީން މިވަގުތު ވަނީ އިންތިހާބަށް ހުރަސް އަޅާފައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ބޭރުގެ ބޭފުޅުން އެކަން ބަލައިގަންނާނެ އެކަން ސާފުވެވަޑައިގަންނަވާނެ ޑިމޮކްރެޓިކް ނިޒާމެއްގެ ތަރަހައަކީ ސިޔާސީ ޕާޓީކަން، ޕާޓީތަކަށް ނުފޫޒު ފޯރުވުމާއި ހުރަސް އެޅުމަކީ ރަތް ރޮނގު އެތައް ބައެއްގެ ނަޒަރުގައި ހުރަސް ކުރުން، އީސީން ވަނީ އެ ރަތް ރޮނގު ހުރަސް ކޮށްފައި، އަޅުގަނޑުމެންނަށް މާ ބޮޑަށް މަޖުބޫރުވެފައި މިވަނީ އަލުން އަނބުރާ އެ އީސީ އެކުލަވާލަން،"

ނަޝީދު ވިދާޅުވީ، އީސީ އަލުން އެކުލަވާލުމަށްޓަކައި ރައްްޔިތުންގެ މަޖިލިސް ބައްދަލުވާން ޖެހޭ ކަމަށާއި މަޖިލިސް ބައްދަލުވުމަށް މަޖިލީހުގެ ރައީސް ފުރުސަތުދޭން ޖެހޭ ކަމަށެވެ. އަދި 12 މެންބަރުންގެ ގޮނޑިއެއް ނުގެއްލޭ ކަމަށާއި އީސީންވެސް އަދި މަޖިލިސް ރައީސްވެސް މިކަން ސާފުކޮށް ބަލައިގަންނަވަން ޖެހޭ ކަމަށެވެ. އަދި 12 މެންބަރުންނާއި އެކުގައި މަޖިލިސް ބައްދަލުވުން މިވަގުތު ވަރަށް މުހިންމު ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އީސީ ވާންޖެހޭނީ، ވަޒީފާ އަދާކުރެވޭ، މަސްއޫލިއްޔަތު އުފުލޭ، ވަކި ފަރާތަކަށް ނުޖެހޭ، ނަޒާހަތްތެރި އަގު ނުވެއްޓޭ ފުރިހަމަ ބޭފުޅުންކޮޅެއް އެކުލެވޭ ކޮމިޝަނަކަށް، ހުރިހާ ސިޔާސީ ޕާޓީއަކަށްވެސް ބަލައިގަނެވޭ ކޮމިޝަނަކަށްވާން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

ޕީޕީއެމްގެ މެންބަރުންނަށް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބް ހަމަހަމަ ގޮތުގައި ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ސިޔާސީ ޕާޓީތައް ނިންމަން ޖެހޭ ނިންމުންތައް މިވަގުތު މިވަނީ ނިންމަން ޖެހިފައި ކަމަށާއި ރައްޔިތުން މަޖިލިސް އެއްވެ، އީސީ އަލުން އަނބުރާ އެކުލަވާލުމަށް މިއަދު މިވަނީ މާބޮޑަށް މަޖުބޫރު ވެފައި ކަމަށެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްޓަކައި އެމްޑީޕީން 12 މެންބަރުންގެ މައްސަލާގައި މަސަައްކަތް ކުރަން ޖެހޭ، މަޖިލީހަށް ވަޑައިގެން ގޮނޑިތަކުގައި އިށީންނަވައި އެބޭފުުޅުންގެ ގާނޫނީ ޒިންމާ އަދާކުރަން އެބަ ޖެހޭ، އީސީ އަލުން އެކުލަވާލުމަށް ރައީސް ޔާމީނާއި ޕީޕީއެމް ބޭފުޅުން އެއްބަސްވެ ވަޑައިގެން ރާއްޖޭގައި ސުލްހަވެރި އިންތިހާބެއް ހިންގުން ބޮޑު ވެއްޖެ،" ނަޝީދު ވިދާޅުވި އެވެ.