އޭޑީކޭގައި ގާއިމްކޮށްފައިވާ ފީވާ ކްލިނިކަށް މިމަހު ދެއްކި މީހުންގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް 20 މީހުން އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައިވާ ކަމަށް އޭޑީކޭއިން ބުނެފި އެވެ. އޭޑީކޭގެ ތަފާސް ހިސާބު ދައްކާ ގޮތުން ދުވާލެއްގެ މައްޗަށް ބަލިވެގެން އެ ހޮސްޕިޓަލަށް ދައްކާ މީހުންގެ ޖުމްލަ އަދަދު ދަނީ މަޑުމަޑުން މަދު ވަމުންނެވެ.
އިންފްލްއެންޒާއާ، ރޯގާ ހުން، ވައިރަލް ފީވާ އަދި ޑެންގޫ ރާއްޖޭގައި ހަލުވިކަމާއެކު އަދިވެސް ފެތުރެމުންދާއިރު، އޭޑީކޭއިން މިއަދު ވަނީ މިމަހުގެ އެކަކުން 25 އަށް އެ ހޮސްޕިޓަލުގެ ހުން ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހުންގެ ތަފާސްހިސާބު ދައްކުވައިދޭ ޗާޓެއް ނެރެފަ އެވެ.
އެ ޗާޓަށް ބަލާއިރު މި ދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޭޑީކޭ ފީވާ ކްލިނިކަށް 1717 މީހުން ޑޮކްޓަރަށް ދެއްކި އެވެ. އޭގެ ތެރެއިން 58 މީހުން ވަނީ ޑެންގޫ އަށް ޕޮޒިޓިވް ވެފަ އެވެ. އަދި ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި 81 މީހަކު ވަނީ އިންފުލުއެންޒާއަށް ޕޮޒިޓިވް ވެފަ އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ ތަފާސްހިސާބު ދައްކާ ގޮތުން އިންފްލުއެންޒާ ޖެހިގެން އެ ހޮސްޕިޓަލަށް މިމަހު އެންމެ ފުރަތަމަ ބަލިމީހަކު ރިޕޯޓުކޮށްފައިވަނީ 19 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް 81 މީހަކު ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފަ އެވެ. މި ތަފާސްހިސާބަށް ބަލާއިރު މާލޭގައި އިންފްލުއެންޒާ ފެތުރެމުންދާ ހަލުވި މިން އަންދާޒާކޮށްލެވޭނެ އެވެ. އެހެންކަމުން އިންފްލުއެންޒާއަށް މިދުވަސްވަރު އިތުރަށް ސަމާލުވާންޖެހެ އެވެ.
އޭޑީކޭއަށް ރިޕޯޓްކުރާ އިންފްލުއެންޒާގެ ކޭސްތަކަށް އިތުރުވުމެއް އައި ނަމަވެސް ބަލިވެގެން ދުވާލަކު ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ވަނީ ދައްވެފަ އެވެ. އެގޮތުން މިމަހުގެ ވިހި، އެކާވީސް އަދި ބާވީހުގައި ފީވާ ކްލިނިކަށް ދެއްކި މީހުންގެ އަދަދު އުޅެނީ ގާތްގަނޑަކަށް 200ގަ އެވެ. ނަމަވެސް ފާއިތުވި ތިން ދުވަހު މި އަދަދު ވަނީ މަދުވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ ކްލިނިކަށް ޑޮކްޓަރަށް ދައްކާފައިވަނީ 170 މީހުންނެވެ.
މިއީ ހަމަ އެކަނި އޭޑީކޭގެ ތަފާސްހިސާބެވެ. ބަލިވެގެން ޑޮކްޓަރަށް ދައްކާ މީހުންގެ ނިސްބަތް ކުޑަ ތަންކޮޅެއް މަދުވި ނަމަވެސް ބައްޔާމެދު ސަމާލުކަން ކުޑަ ނުކުރުމަށް އޭޑީކޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ހެލްތު މިނިސްޓްރީން ވެސް ވަނީ މިދުވަސްވަރު ވީހާވެސް ބޮޑަށް ބަލިޖެހުމުން ރައްކާތެރިކޮށްދޭނެ ގޮތަށް ސާފުތާހިރުކަމަށް އިސްކަންދިނުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ޑެންގޫ ހުމުން ރައްކާތެރިވުމަށް މަދިރިން ރައްކާތެރިވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.