ހަބަރު

ފްލެޓު ހޯދަން 40،000 އަށް ވުރެ ގިނަ ފޯމް ނަގައިފި: މުއިއްޒު

ބޯހިޔާަވެހިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫއަށް ހުށަހެޅުމަށް 40،000 އަށް ވުރެ ގިނަ ފޯމް ނަގާފައިވާ ކަމަށް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އަލަށް އަޅަމުން އަންނަ 7000 ސޯޝަލް ހައުސިން ޔުނިޓުތަކަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި ވަނީ މި މަހު ހަ ވަނަ ދުވަހު އެވެ. އެކަމާ ބެހޭ ގޮތުން މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަރުބާރުގެއިން ނެގި ފޯމްގެ އަދަދު 40،096 އަކަށް އަރާފައިވާ ކަމަށެވެ. އަދި ޖުލައި މަހު 31 އާ ހަމަޔަށް ވެސް ފޯމް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ކުރެއްވި ޓްވީޓު

މިހާތަނަށް 40،000 އަށް ވުރެ ގިނަ ފޯމް ނެގި އިރު ފްލެޓު ފޯމް ނަގަން ހުޅުވާލި ފުރަތަމަ ދުވަހުވެސް ދަރުބާރުގެ ފުރާލި އެވެ. އެގޮތުން އެއް ގަނޑިއިރު ތެރޭގައި 15،000 ފޯމް ނެގި އެވެ.

ފްލެޓު ދޫކުރާ ކެޓަގަރީތައް

  • ސިވިލް ސާވަންޓުން - 1000 ފްލެޓު
  • މާލޭގެ ރަށްވެހިން - 1000 ފްލެޓު
  • ދަފްތަރުގައި ހިމެނޭ މީހުން - 1044 ފްލެޓު
  • ޑޮކްޓަރުންނާއި ނަރުހުން - 475
  • ޓީޗަރުން - 625
  • ފުލުހުން - 300
  • ސިފައިން - 300
  • ކައިވެނިކޮށްގެން އުޅޭ 18-40 ދެމެދުގެ މީހުން - 1،000
  • އެކަނިވެރި މައިންނާއި ބަފައިން - 400
  • ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ހިމެނޭ އާއިލާތަކަށް - 200
  • ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކައި ނުލިބުނު މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުން - 300
  • މާފަންނު ހުޅަނގު ދާއިރާގައި އުޅޭ ބަޔަކަށް ހާއްސަ - 256

މިނިސްޓަރު ކުރިން ވިދާޅުވެފައި ވަނީ ފްލެޓު ފޯމް ބަލައިގަތުން ޖޫން މަހުގެ އެކަކުން ފެށިގެން ޖުލައި 31 އާ ހަމަޔަށް ކުރިޔަށް ދާނެ ކަމަށެވެ. އަދި ފޯމް ބަލައިގަތުން ވެސް ކިއޫއެއްގައި ނުޖެހިވާނެ ފަދަ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.