ހަބަރު

ގިނައީ އެޗް3އެން2 އަށް ޕޮޒިޓިވްވާ މީހުން: އެޗްޕީއޭ

އިންފްލުއެންޒާ ރޯގާއަށް ޓެސްޓު ކުރާ މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވް ވެފައި ވަނީ އިންފްލުއެންޒާގެ ބާވަތެއް ކަމަށްވާ އެޗް3 އެން2 އަސް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެ ޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭ އިން މިހެން ބުނި އިރު މިދިޔަ އަހަރު އިންފްލުއެންޒާ ވައިރަސް ފެތުރިގެން އުޅުން އިރު ރާއްޖޭގައި ބޮޑަށް ފެތުރުނީ އެޗް1އެން1 އެވެ.

އެޗްޕީއޭ އިން ބުނީ މި މަހުގެ ދެވަނަ ހަފްތާއިން ފެށިގެން އިންފްލުއެންޒާ ވަރަށް ބޮޑަށް ފެތުރެމުން އަންނަ ކަމަށާއި އެގޮތުން މިދިޔަ ހަފްތާ ތެރޭގައި ވެސް 6669 މީހުން އެ ބަލި ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އިންފްލުއެންޒާއަށް ޓެސްޓު ކުރަން ސާމްޕަލް މެގި މީހުންގެ ތެރެއިން 69 ޕަސަންޓު މީހުން އިންފްލުއެންޒާ "އޭ"އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އޭގެ ތެރެއިން ގިނައިން ފެތުރެމުން ދަނީ އެޗް3އެން2ގެ ވައްތަރު ކަމަށް ވެސް އެޗްޕީއޭ އިން ބުންނެވެ.

އެ ބައްޔަށް ފަރުވާ ދިނުމަށް ރާއްޖެއިން ޖަހާދެނީ ޓްރައިވެލެންޓް އިންފްލުއެންޒާ ވެކްސިން އެވެ. އެއީ އެޗް1އެން1ގެ އިތުރުން އިންފްލުއެންޒާގެ ދެ ބާވަތެއްގެ ވައިރަސްއަކަށް ހަދާފައި ހުންނަ ވެކްސިންއެކެވެ.