"ރާޒީ" އަށް ބޮކްސް އޮފީހުގައި 100 ކްރޯޑް ލިބި ބްލޮކްބާސްޓާ އަކަށް ވުުމުން އެންމެ ބޮޑު އުފަލެއް ލިބުނީ އެ ފިލްމުގެ ލީޑްރޯލު ކުޅުނު ޒުވާން ބަތަލާ އާލިއާ ބަޓް އަށެވެ. އެ ފިލްމުގެ ބޮޑު ކާމިޔާބާއެކު އޭނާ ވަނީ އިތުރު ފިލްމެއް ކުޅެން ސޮއިކޮށްފަ އެވެ.
މިދިޔަ އަހަރު ނިކުތް ފިލްމު "ބަރިއްލީ ކީ ބަރްފީ" ގެ ޑައިރެކްޓަރު އަޝްވިނީ އައްޔަރް ތިވާރީ ޑައިރެކްޓްކުރާ ކޮމެޑީ ފިލްމެއްގެ ބަތަލާގެ ރޯލު ކުޅެން އާލިއާ ވަނީ ސޮއިކޮށްފަ އެވެ.
އަންނަ އަހަރުގެ ތެރޭގައި ޝޫޓިން ފަށާ އެ ފިލްމުގެ ތަރިންގެ ތެރެއިން އަދި ޔަގީންވެފައިވަނީ އާލިއާ އެކަންޏެވެ. އަދި ނަމެއްދީފައިނުވާ އެ ފިލްމު ލިޔެފައިވަނީ ޑަންގާލްގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ އެވެ.
އާލިއާގެ އެންމެ ފަހުން ނިކުތް ފިލްމު "ރާޒީ" ގެ ޕްރޮމޯޝަންގެ ތެރޭގައި އޭނާ ވަނީ ދެން ކުޅެން ބޭނުންވަނީ ވަރަށް ތަފާތު ޖޯންރާއެއްގެ ފިލްމެއް ކަމަށް ބުނެފަ އެވެ. އާލިއާ އެހެން ބުނެފައި ވަނިކޮށް އަޝްވިނީ ޑައިރެކްޓްކުރާ ކޮމެޑީ ފިލްމުން ހުށަހެޅުން އޭނާ އަށް ލިބުނީ އެވެ. މި ފިލްމަކީ 2012 ވަނަ އަހަރު ބޮލީވުޑަށް ނިކުތް އާލިއާ ކުޅޭ ފުރަތަމަ ކޮމެޑީ ފިލްމެވެ.
އާލިއާ މިހާރު ވެސް އަންނަނީ އެއް ފަހަރާ ތިން ފިލްމެއް ޝޫޓް ކުރަމުންނެވެ. އެއީ ރަންވީރު ސިންގާ އެކު ކުޅޭ "ގަލީ ބޯއި" އާއި ރަންބީރު ކަޕޫރާއެކު ކުޅޭ "ބްރަހަމަޝްތްރަ" އާއި ބޮޑު ކާސްޓެއް ހިމެނޭ "ކަލަން" އެވެ.