ހަބަރު

އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން މާފެއް ނެތް: ރައީސް

May 29, 2018
8

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން މާފެއް ނެތް ކަމަށް ރައީސް އަވްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއަށް އަލަށް މެންބަރުންތަކެއް ގުޅުމަށް ބޭއްވި ހަފުލާގައި ރައީސް ޔާމީން ވިދާޅުވީ، އެކެއް ފެބުރުއަރީ އަމުރު ނެރުމުގައި ފަނޑިޔާރުންނާއި ކޮމިޝަނާ އޮފް ޕޮލިސް ބައިވެރިވެފައިވާއިރު އެއީ ފަރުދީގެ ގޮތުން މާފު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެ ފަރާތްތަކަކީ ގައުމުގެ އަމަން ބެލެހެއްޓުމުގައި އެންމެ ނުފޫޒުގަދަ ފަރާތްތަކަށްވާއިރު ސިޔާސީ ފަރާތްތަކުން އަމިއްލަ ފައިދާއަށް ބޭނުންކުރީ އެ ފަރާތްތައް ކަމަށެވެ.

އެފަދަ އަމަލުތައް ހިންގުމަކީ ދައުލަތުގެ ހައްގަށް އަރައިގަތުން ކަމަށާއި އެފަދަ ކަމެއް ކުރާ ސިޔާސީ ބަޔަކު ގައުމަށް ފައިދާވާނެ ގޮތަކަށް އަމަލުކޮށްފާނެ ކަމަށް ވިސްނުމަކީ ގޯސް ކަމެއް ކަމަށެވެ. އެ ބޭފުޅުން ބޭނުންވާ ކަމެއް ހާސިލުކުރުމަށް ނުވަތަ ކުރިމަގު އުޖާލާ ކުރުމަށް ގާނޫނާ ހިލާފުވެ ކޮންމެ ހިސާބަކަށް ވެސް ގޮސްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކެއް ފެބުރުއަރީގެ އަމުރުގައި ވަރަށް ބޮޑެތި ގޯސްތައް އެބަހުރި، އެހެންވެ ފުރަތަަމަ އަމުރުގައި ސޮއި ކުރެއްވި ތިން ފަނޑިޔާރުން އަމުރުގެ ބައިތައް ބާތިލުކޮށްފައި އެވަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދާހިލީ ކަންކަން ހައްލުކޮށް ގައުމު އެއްބައިކުރަން އޮތް ފުލުހުންގެ އިދާރާގެ ވެރިޔާ، ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާލުމަށް ބައިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭގައި ފަނޑިޔާރުން ހިމެނުމަކީ އެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަންކަމަކީ ދައުލަތަށް އުފުލޭ ވަރުގެ ކަންކަން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ސިޔާސީ އިދިކޮޅު ލީޑަރުން މަސައްކަތް ކުރައްވަނީ ގައުމީ މަސްލަހަތަށް ފުށު އަރާ ގޮތަށް ކަމަށާއި އެ ބޭފުޅުން ތިއްބެވީ ހުކުމެއް އަތުވެދާނެތީ ބޭރަށް އަމިއްލައަށް އަރުވާލެވިގެން ކަމަށް ރައީސް ވިދާޅުވި އެވެ. އެވަރުގެ ބަޔަކަށް ސަރުކާރެއް ހިންގިދާނެތޯ ރައީސް ސުވާލު އުފެއްދެވި އެވެ. ރައީސް ވިދާޅުވީ، އެއިން އެއްވެސް ބޭފުޅަކަށް ރާއްޖެ ވަޑައިގަތުން މަނާކޮށްފައިނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މުޅި ގައުމާމެދު ވިސްނާ ބަޔަކީ ރައްޔިތުން ކަމަށާއި މިއަދު ރައީސް ޔާމީން ހުރިއްޔާ މާދަމާ ހުންނާނީ އެހެން މީހެއް ކަމަށެވެ. ނަމަވެސް ގައުމު ސަލާމަތް ކުރުމަށް ރައްޔިތުން އަބަދުވެސް ތިބޭނެ ކަމަށެވެ.