ހަބަރު

ގުރައިދޫ މަރުކަޒަށް ކަނޑޫމާގެ ބޮޑު އެހީ

ކ. ގުރައިދޫގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީ ކުރަން ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސްއިން އިން އެހީވެއްޖެ އެވެ.

ގުރައިދޫ ކައިރީގަ އޮންނަ ކަނޑޫމާއިން މީގެ ކުރިން ވެސް ގުރައިދޫއަށް އެކިވަރުގެ އެހީތައްވެފައިވެ އެވެ. މިފަހަރު އެ ރިސޯޓުން ގުރައިދޫ މަރުކަޒަށް ދޭން ނިންމި އެހީއަކީ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ އިސް ނެންގުވުމަކަށް އެ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށް ފެށި މަސައްކަތުގެ ތެރެއިން ދޭ އެހީއެކެވެ.

ކަނޑޫމާގެ ފަރާތުން ރަމްޒީ ގޮތުން އެހީ ހަވާލުކުރުމަށް ރޭ ގުރައިދޫގައި ހާއްސަ ހަފުލާއެއް ބޭއްވި އެވެ. ކަނޑޫމާގެ ފަރާތުން އެހީ ހަވާލުކޮށްދެއްވީ އެ ރިސޯޓްގެ ޖެނަރަލް މެނޭޖާ ޖޯސެފް ޑެލާ އެވެ. އެހީއާ ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ ނައިބު ރައީސް ޖިހާދެވެ.

ކަނޑޫމާއިން ގުރައިދޫ މަރުކަޒަށް ދޭން ނިންމި އެހީގެ އަގު ގާތްގަނޑަކަށް ހަ ލައްކަ ރުފިޔާއަށް އަރަ އެވެ. ސީއެސްއެރާގެ ދަށުން އެ ރިސޯޓުން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އިމާރާތް މަރާމާތު ކުރުމާއި ލޯންޑަރީއަށް ބޭނުންވާ ސަމާނު ފޯރުކޮށް ދިނުމާއެކު ވެންޓިލޭޝަން ގާއިމުކޮށްދޭނެ އެވެ.

ލޯންޑަރީއަށް ހޯދަން ނިންމާފައިވަނީ ޒަމާނީ މެޝިނަރީތަކެވެ. އެ މެޝިނަރީތައް ގެނެސް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ތެރޭގައި ނިންމަން އެ ރިސޯޓް ވަނީ ހިފާފަ އެވެ. މިހާރު ގުރައިދޫ މަރުކަޒުގައި ލޯންޑަރީއަށް އިމާރާތެއް ގާއިމުކޮށްފައިހުރި ނަމަވެސް އެތަނުގައި އެއްވެސް މެޝިނަރީއެއް ނެތެވެ.

މަރުކަޒުގެ ފެނުގެ ކަންކަން އެހާ ރަނގަޅު ނޫން ކަމަށް ފާހަގަވެފައިވާތީ ފެން އުފައްދާ ސިސްޓަމެއް ވެސް ހަދިޔާކުރަން އެ ރިސޯޓުން ވަނީ ނިންމާފަ އެވެ. ސިސްޓަމާއި ފުޅި ވަރަށް އަވަހަށް މަރުކަޒަށް ފޯރުކޮށްދޭނެ ކަމަށް ރިސޯޓުން ބުނެ އެވެ.

ދެން ރިސޯޓުން ކުރަނީ ދެ އިމާރާތެއްގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތެވެ. އެގޮތުން އެއް އިމާރާތުގައި ހުރި ދުވަސްވީ އެނދުތަކާއި ގޮދަނޑި އާއި އަލަމާރިތައް ބަދަލުކޮށްދޭން ވަނީ ނިންމާފަ އެވެ. ޕޭޝަންޓް ބެޑްތަކެއް ވަރަށް އަވަހަށް މަރުކަޒަށް ގެންގޮސް ދުވަސްވީ އެނދުތައް ބަދަލުކޮށް ނިންމާނެ ކަމަށް ވެސް ރިސޯޓުން މައުލޫމާތުދެ އެވެ.

އިމާރާތްތަކުގެ ވެންޓިލޭޝަން ރަނގަޅު ނޫން ކަމަށް ވެސް ފާހަގަކުރެވިފައިވާތީ ދެ އިމާރާތެއްގައި އެގްޒޯސް ސިސްޓަމެއް ބަހައްޓަން ވެސް ރިސޯޓުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހަފުލާގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މި ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށެވެ. މި ސަރުކާރުން ވަނީ އެމީހުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ޗެމްޕިއަންކަން ހޯދާފައިވާ ކަމަށެވެ.

މި ސަރުކާރު ކުރިން އެޗްއާރްސީއެމްއިން ގުރައިދޫ މަރުކަޒާ ގުޅޭ ގޮތުން ހަދާފައިވާ ރިޕޯޓްތަކުން އެ މަރުކަޒު ވަރަށް ބޮޑަށް ބަދަލުކުރަންޖެހޭކަން އެނގޭ ކަމަށާއި ނަމަވެސް މިހާރު އެ ކޮމިޝަނުން ތައްޔާރުކުރާ ރިޕޯޓްތަކުން އެނގެނީ މި ސަރުކާރު އައި ފަހުން ކަންކަން ރަނގަޅުވެފައިވާކަން ކަމަށެވެ. ގުރައިދޫ މަރުކަޒަށް ދައުލަތުގެ ބަޖެޓް މި ސަރުކާރުގައި 12 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެކި ފަރާތްތަކުގެ އެހީއާއެކު ޖުމްލަ 20 މިލިއަން ރުފިޔާގެ މަސައްކަތް މަރުކަޒުގައި ކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވަނީ ގުރައިދޫ މަރުކަޒަށް ކަނޑޫމާއިން ވެދިން ބޮޑު އެހީއާ ގުޅިގެން އެ ރިސޯޓަށް ޝަުކުރު އަދާކޮށްފަ އެވެ. މި އެހީގެ ސަބަބުން ގުރައިދޫ މަރުކަޒު އިތުރަށް ތަރައްގީވެ އެ ތަނުގައި އުޅޭ މީހުންނަށް އޭގެން އެތައް ގިނަ ފަސޭހަތަކެއްވެގެން ދާނެކަން ޔަގީންވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.