މިިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "ސޯލޯ: އަ ސްޓާ ވޯޒް ސްޓޯރީ" އަށް ތަރުހީބު ކުޑަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ލޫކަސް ފިލްމްސް އާއި ޑިޒްނީ ގުޅިގެން ގެނެސްދިން މި ފިލްމަށް އެމެރިކާގެ ބޮކްސް އޮފީހާއި ބައިނަލްއަގުވާމީ ބޮކްސް އޮފީހުގައި ވެސް ތަރުހީބު ކުޑަ އެވެ.
އެމެރިކާގެ ބޮކްސް އޮފީހުގައި މި ފިލްމަށް މިހާތަނަށް ލިބިފައި ވަނީ 83 މިލިއަން ޑޮލަރެވެ. ބައިނަލްއަގުވާމީ ބޮކްސް އޮފީހުން ލިބުނީ 148 މިލިއަން ޑޮލަރެވެ. ސްޓާ ވޯޒްގެ ފިލްމަކަށް މިހާ ތަރުހީބު ކުޑަވި މިއީ ފުރަތަމަ ފަހަރެވެ. މިއީ ޑިޒްނީއާއި ލޫކަސް ފިލްމްސް ގުޅިގެން އުފެއްދި ފުރަތަމަ ފިލްމުވެސް މެއެވެ.
އެންމެ ފަހުން ނިކުތް ސްޓާ ވޯޒްގެ ތިން ފިލްމުވެސް ވަނީ ބޮކްސް އޮފީހުގައި ރެކޯޑުތައް މުގުރާލާފަ އެވެ. ނަމަވެސް މި ފިލްމަށް އެއިން ފިލްމެއްގެ ރެކޯޑާއި ގާތަށް ވެސް ނުދެވޭނެ ކަމަށް ބައެއް އެނަލިސްޓުން ބުނެފައިވެ އެވެ.
މި ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރުމުގައިވެސް ދަތިތަކެއް ދިމާވެފައިވެ އެވެ. ޕްރޮޑަކްޝަން މަސައްކަތް ތެރޭގައި އުފެދުނު ނުތަނަވެސްކަމެއްގެ ސަބަބުން ފުރަތަމަ މި ފިލްމު ޑައިރެކްޓުކުރަން ހަވާލުކުރި ޑައިރެކްޓަރު ފިލް ލޯޑް އާއި ކްރިސްޓޮފާ މިލާ ވަނީ ފިލްމުގެ މަސައްކަތުން ވަކިވެފަ އެވެ. ފިލްމު ފަހުން ޑައިރެކްޓުކުރީ ރޮން ހޯވާޑް އެވެ.
ނަމަވެސް މި ފިލްމަށް ލިބޭ ގިނަ ރިވިއުތައް ރަނގަޅެވެ. ރޮޓެން ޓޮމާޓޯގައި މި ފިލްމު ރޭޓްކޮށްފައި ވަނީ 70 ޕަސެންޓުގަ އެވެ. ނިއު ޔޯކް ޓައިމްސް އާއި ވޮޝިންގްޓަން ޕޯސްޓްއިން ވެސް ފިލްމަށް ތައުރީފު ކޮށްފައިވެ އެވެ.
"ސޯލޯ: ސްޓާ ވޯޒް ސްޓޯރީ" އަކީ ސްޓާ ވޯޒްގެ އެންމެ ފުރަތަމަ ފިލްމުގެ ވާހަކައިގެ ކުރީގައި ހިނގި ކަންތައްތަކެއް ގެނެސްދޭ ފިލްމެކެވެ.
މި ފިލްމުގައި ލީޑުން ފެނިގެންދާނީ އަލްޑަން އެރިންރައިކް އާއި ޑޮނާލްޑް ގްލޯވާ އެވެ. މި ފިލްމުގައި "ގޭމް އޮފް ތްރޯންސް" އިން މަޝްހޫރުކަން ލިބުނު އެކްޓްރެސް އެމިލިއާ ކްލާކްވެސް ފެނިގެންދާނެއިރު، ޖޫނަސް ސުއެޓާމޯވެސް މުހިންމު ރޯލަކުން ފެންނާނެ އެވެ.