އުތުރު ކޮރެއާގެ ލީޑަރު ކިމްޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ބާއްވަވަން އުޅުއްވާ ބައްދަލުވުމުގެ ތައްޔާރީތައް އަވަސް ކުރުމަށް ކިމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރެއިން ބޭފުޅަކު ސިންގަޕޫރަށް ވަޑައިގެންފި އެވެ.
ޖަޕާނުގެ ދައުލަތުގެ މީޑިއާ އެންއެޗްކޭ އިންް މިއަދު ބުނީ ކިމް ޖޮން އުންގެ އަރިހުގައި ޗީފް އޮފް ސްޓާފެއްގެ ދައުރު އަދާ ކުރައްވާ ކިމް ޗޭންގް ސަން ސިންގަޕޫރަށް ވަޑައިގެންނެވީ ޗައިނާގެ ވެރިރަށް ބެއިޖިިންއިން ރޭގައި ކަމަށެވެ. އޭނާ ސިންގަޕޫރަށް ވަޑައިގެންނެވި އިރު އެމެރިކާގެ އިސް އޮފިޝަލުން ތަކެއް ވެސް ވަނީ ސިންގަޕޫރަށް ވަޑައިގެންފަ އެވެ.
ޖަޕާނުގައިވާ އެމެރިކާގެ ޔޮކޯޓާ އެއާބޭހުން ސިންގަޕޫރަށް ފުރާވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފްވެސް ހިމެނިވަޑައިގަންނަވާ ކަމަށް އެންއެޗްކޭއާ ހަވާލާދީ ރޮއިޓާސް ބުންޏެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނީ ޕްރީ އެޑްވާންސް ޓީމެއް ސިންގަޕޫރަށް ދިޔައީ އުތުރުކޮރެއާގެ އޮފިޝަލުންނާ ބައްދަލުކުރަން ކަމަށެވެ.
ނަމަވެސް އުތުރުކޮރެއާއިން ސިންގަޕޫރަށް ވަޑައިގެންނެވި ކިމް ޗޭންގް ސަން ދަތުރާ ބެހޭ ގޮތުން ބެއިޖިންގައި ނޫސްވެރިއަކު ދެންނެވި ސުވާލަށް އޭނާ ވަނީ ސީރިއަސް ޖަވާބެއް ނުދެެއްވާފައެވެ. އޭނާ ސިންގަޕޫރަށް ވަޑައިގަންނަވަނީ އެމެރިކާ އާ އެކު ވާހަކަތައް ބާއްވަވަންތޯ ދެންނެވުމުން ވިދާޅުވީ " އެތަނަށް މިދަނީ ކުޅެން" ކަމަށެވެ.
ކިމްއާއި ޓްރަމްޕްގެ ބައްދަލުވުމާއި ބެހޭ ގޮތުން ޓްރަމްޕް ދެފަހަރު ދެގޮތަށް ވާހަކަ ދެއްކެވި ނަމަވެސް ދެގައުމުގެ އިސް ބޭފުޅުން ސިންގަޕޫރަށް މިކުރައްވާ ދަތުރުފުޅުގެ ސަބަބުން ބައްދަލުވުމުން ބާއްވާނެކަން މިހާރު ވަނީ އިތުރަށް ކަށަވަރުވެފައެވެ.
ދެކުނުކޮރެއާގެ ޔޮންހަޕް ނިއުސް އެޖެންސީން ބުނީ ދެކޮރެއާއިން ކުރާ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެއް ކަމަށްވާ ކިމް ޔޮން ޗޮލް މާދަމާ އެމެރިކާއަށް ވަޑައިގަންނަވާނެ ކަމަށެވެ. ނަން ހާމަ ނުކުރާ މަސްދަރުތަކާ ހަވާލާދީ އެ އެޖެންސީން ބުނީ ކިމް ޔޮން ޗޮލް އެމެރިކާއަަށް ވަޑައިގަންނަވާނީ ޗައިނާއަށް ވަޑައިގެން އެގައުމުގެ އޮފިޝަލުންނާ ވާހަކަފުޅު ދެއްކެވުމަށް ފަހުގައި ކަމަށެވެ.
އުތުކޮރެއާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ކިމް ޔޮން ޗޮލްއަކީ އާއްމު ހާލަތުގައި އެމެރިކާއަށް ދަތުރުކުރެއްވޭނެ ބޭފުޅެއް ނޫނެވެ. އުތުރުކޮރެއާގެ ނިއުކްލިއަ މަޝްރޫއަށް އެހީތެރިވާ ބޭފުޅަކަށް ވާތީ އޭނާ އެމެރިކާއަށް ވަޑައިގަތުން 2010 ވަނަ އަހަރާއި 2016 ވަނަ އަހަރުވެސް އެމެރިކާއިން މަނާކޮށްފައި ވެއެވެ. އެހެންވީމާ މިހާރު އޭނާ އެގައުމަށް ވަޑައިގަންނަވާ ނަމަ ވަޑައިގަންނަވާނީ ވަގުތީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.
ކިމްް-ޓްރަމްޕް ސަމިޓު އޮންނާނީ ޖޫންމަހުގެ 12 ވަނަ ދުވަހު ކަމަށް އިއުލާނުކުރިތާ އެތައް ދުވަހެއް ފަހުން މިދިޔަ ހަފުތާގައި ޓްރަމްޕް ވިދާޅުވީ އެ ބައްދަލުވުން ނުބޭއްވޭނެ ކަަމަށެވެ. ނަމަވެސް އޭގެ އެއް ދުވަސް ފަހުން ޓްރަމްޕް ވިދާޅުވީ ސަމިޓު އަދިވެސް ބޭއްވިދާނެ ކަމަށާއި ކަނޑައެޅި ތާރީހުގައި ވެސް ބޭއްވިދާނެ ކަމަށެވެ.