ކުޅިވަރު

ބްރެޒިލްގެ ފަަބީނިއޯ ލިވަޕޫލަށް

މޮނަކޯގެ ބްރެޒިލް މިޑްފިލްޑާ ފަބީނިއޯ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ސޮއި ކޮށްފި އެވެ. މިއީ ޔޫރަޕްގެ ބޮޑު ކުލަބަކުން އަންނަ ސީޒަނަށް ހެދި ފުރަތަމަ ޓްރާންސްފާ ޑީލް އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ޓްރާންސްފަގެ ދޮރު ހުޅުވާލުން އަވަހެވެ. އުމުރުން 24 އަހަރުގެ ފަބީނިއޯ ލިވަޕޫލަށް ބަދަލުވީ 43.7 މިލިއަން ޕައުންޑަށެވެ. އޭނާގެ ސީނިއާ ކެރިއާ ފެށީ 2012 ވަނަ އަހަރުގައި ޕޯޗްގަލްގެ ރިއޯ އަވޭއިންނެވެ. އެ އަހަރު ލޯން އެއްބަސްވުމުގެ ދަށުން އޭނާ ރެއާލް މެޑްރިޑްގެ ބީ ޓީމަށް ކުޅުނެވެ. ޖެހިގެން އައި އަހަރު އޭނާ ވަނީ ރެއާލްގެ ސީނިއާ ޓިމަށް ޕްރަމޯޓްކޮށްފަ އެވެ. ރެއާލްގައި އޭނާ ކުޅުނީ އެއް މެޗެކެވެ.

މޮނާކޯއަށް އޭނަ ބަދަލުވީ 2013 ވަނަ އަހަރު އެވެ. އެއީ ލޯން އެއްބަސްވުމުގެ ދަށުންނެވެ. މޮނާކޯގެ ރަސްމީ ކުޅުންތެރިޔެއްގެ ގޮތުގައި އެ ޓީމުގެ ކޮންޓްރެކްޓްގައި އޭނާ ސޮއި ކުރީ 2015 ވަނަ އަހަރު އެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް ހަތަރު މެޗު ކުޅެފައިވާ ކުޅުންތެރިޔާ، ލިވަޕޫލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ރަސްމީކޮށް ތާރަފު ކުރަނީ ޖުލައި މަހު އެއް ވަނަ ދުވަހު އެވެ. ކުލަބުތަކުން، ފީފާގައި ކުޅުންތެރިން ރަޖިސްޓްރީ ކުރުން ހުޅުވާލާނީ ޖުލައިން ފެށިގެންނެވެ.

އެއްބަސްވުގައި ސޮއި ކުރުމަށްފަހު އޭނާ ބުނީ، ލިވަޕޫލް ކަހަލަ ކުލަބަކުން އޭނާގެ ހިދުމަތަށް އެދުމުން، އެކަމާ އިތުރަށް ވިސްނަން ވެސް ނުޖެހޭ ކަމަށެވެ.

"މި ބަދަލުވުމަށް އަހަރެން ވަރަށް ހިތްހަމަ ޖެހޭ، މިއީ ބޮޑު ކުލަބެއް، މި ކުލަބުގެ ހުރި ވަސީލަތްތަކާއި ޓްރެއިނިން ގްރައުންޑަކީ އެކަމަށް ފުދޭ ކަންކަން."