މިހާރު ރާއްޖޭގައި ހަލުވިކޮށް ފެތުރެމުންދާ އިންފުލުއެންޒާ އިން ދިފާއުވުމަށް ޖަހާ އިންފްލުއެންޒާ ވެކްސިން އެސްޓީއޯގެ ފާމަސީތަކުން ހުސްވެފައިވަނިކޮށް، ރޭ އާ ސްޓޮކެއް ގެނެސް އަނެއްކާވެސް ވިއްކަން ފަށާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެސްޓީއޯ އިން ބުނީ ކުރިއެކޭވެސް އެއްގޮތަށް މިހާރު އެ ކުންފުނީގެ ފާމަސީތަކުން ވެކްސިން މިހާރު ލިބޭނެ ކަމަށެވެ. އާސަންދައިގެ ދަށުން ނުލިބޭ މި ވެކްސިން ވިއްކަނީ 125 ރުފިޔާ އަށެވެ. އަދި ވެކްސިން ގަނެވޭނީ ޑޮކްޓަރެއްގެ ލިޔުމެއް ދެއްކުމަށް ފަހު އެވެ.
އިންފްލުއެންޒާ ވެކްސިނަކީ އެޗް1 އެން1 އިންފްލުއެންޒާ ވައިރަސްގެ އިތުރުން ދެ ބާވަތެއްގެ އިންފްލުއެންޒާ ވައިރަސް އަކަށް އަމާޒުކޮށްގެން ހަދާފައިވާ ވެކްސިނެކެވެ. މި ވެކްސިން އެންމެ މުހިއްމު ވަނީ އިންފްލުއެންޒާ ޖެހިގެން ނުރައްކާވެފާނެ ފަދަ ކަމެއް ހުންނަ ފަރާތްތަކާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މިފަދަ ބަލިމީހުންނާ ކުރިމަތިލާންޖެހޭ ފަރާތްތަކަށެވެ. --ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ފެނިފައި ވަނީ އިންފްލުއެންޒާގެ ބާވަތެއް ކަމަށްވާ އެޗް3 އެން2 އެވެ --
އިންފްލުއެންޒާ ވެކްސިން ދޭ އުމުރާއި ދޭ ޑޯޒުތައް
މި ވެކްސިން ދެނީ ހަމަހުން މަތީގެ ކުދިންނާއި ބޮޑެތި މީހުންނަށް އަހަރަކު އެއް ފަހަރު އެވެ. ނަމަވެސް ނުވަ އަހަރުން ދަށުގެ ކުދިން އަލަށް އިންފްލުއެންޒާ ވެކްސިން ޖަހާއިރު ދެ ޑޯޒް އަހަރު ހަފްތާ ދުރުމިނުގައި ދޭން ޖެހޭނެ އެވެ. ފުރަތަމަ އަހަރު ވެކްސިން ޖެހިއިރު ދެ ޑޯޒު ހަމަ ނުވާނަމަ ޖެހިގެން އަންނަ އަހަރު ވެކްސިން ޖަހާއިރު 4 ހަފްތާ ދުރުމިނުގައި ދެ ޑޯޒް ފުރިހަމަކުރަންވާނެ އެވެ.
ކުރިން އިންފްލުއެންޒާ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ކުދިން ދެން އަންނަ އަހަރުތަކުގައި ޖަހަން ޖެހޭނީ އެއް ޑޯޒެވެ.
އެއް އަހަރެއްގައި ފްލޫ ވެކްސިންގެ ޑޯޒް ހަމަވުމަށްފަހު ދެ ހަފުތާގެ ތެރޭގައި ހަށިގަނޑުގައި އެ ވައިރަސްއާ ދެކޮޅަށް ދިފާއީ ބާރު އުފެދެ އެވެ.
ވެކްސިންގެ ސައިޑް އެފެކްޓްތަކެއް ހުރޭ
އިންފްލުއެންޒާ ވެކްސިން ޖެހުމަށްފަހު ބޮލުގައި ރިއްސާފައި ހުން އައުމާއި އިންޖެކްޝަން ޖަހާތަން ކުޑަކޮށް ރަތްވެ ދުޅަވުން ފަދަ އަލާމާތްތަކެއް ފެނިދާނެ އެވެ. އަދި ބައެއް ހާލަތްތަކުގައި އެލާޖިކްވެސް ވެދާނެ އެވެ.
މި ދުވަސްވަރު ގިނަ ބަޔަކު އިންފްލުއެންޒާއަށް ޕޮޒިޓިވް ވަމުންދާއިރު ވަރަށް ގިނަ ބަޔަކު ދަނީ ވެކްސިން ނަގަމުންނެވެ. ވެކްސިން ނަގާއިރު މިފަދަ ބައެއް ކަންކަމަށް ހޭލުންތެރިވެފައި ހުރުމަކީ މުހިއްމު ކަމެކެވެ.