ހަބަރު

ގެއްލުން ދީފައި ޕީޕީއެމުން ވަކިވާ މީހުން އަލުން ވެއްދުމުގެ އުސޫލެއް ހަދައިފި

ވެރިކަން ކުރާ ޕާޓީ ޕީޕީއެމަށް ގެއްލުންތައް ދިނުމުން ކަނޑާލާ މީހުން ނުވަތަ ގެއްލުން ދިނުމަށްފަހު އެ ޕާޓީން ކެނޑިގެންދާ މީހުން އެޕާޓީއަށް އަލުން ވެއްދުމާމެދު އަމަލު ކުރާނެ އުސޫލުތަކެއް ކަނޑައަޅައި އެ ޕާޓީގެ ކައުންސިލުން ރޭ ގަވައިދެއް އެކުލަވާލައިފި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބުދުއްރަހީމް އަބުދުﷲ، (އަދުރޭ) އަވަސްއަށް މިއަދު ވިދާޅުވީ، ޕީޕީއެމަށް ގެއްލުންދީފައި ނުވަތަ ޕާޓީ ބަދުނާމުކޮށްފަ އަދި ޕާޓީގެ ސަރުކާރު ބަދުނާމުކޮށްފައި ޕާޓީން ނިކުމެގެންދާ މީހުންނާއި އެހެން ވެސް އެފަދަ އަމަލުތަކުގެ ސަބަބުން ޕާޓީން ވަކި ކުރާ މީހުން އަލުން އަނބުރާ ޕާޓީއަށް ވެއްދުމުގައި އަމަލު ކުރާނެ ގަވާއިދެއް ރޭ އެ ޕާޓީން ފާސް ކޮށްފައިވާ ކަމަށެވެ.

"ޕާޓީއަށް އެންމެ ބޮޑެތި ހިޔާނާތުން ހިޔާނާތްވެފައިވާ މީހުން އަލުން އަނބުރާ ޕާޓީއަށް ވަންނަން އުޅެން ފެށީމަ، އެމީހުންނާ ދޭތެރޭ އަމަލު ކުރާނެ ގަވާއިދެއް މިއީ، މި ގަވާއިދުގައި އޮންނާނެ ހަތް ދަރަޖައެއްގެ ކުށް ބަޔާންކޮށްފަ، އޭގެ ތެރެއިން އެއްވަނަ ދަރަޖައިގައި މި ހިމެނެނީ، ޕާޓީއަށް އެންމެ ބޮޑެތި ހިޔާނާތުން ހިޔާނާތްތެރިވާ މީހުން، އެއީ މިސާލަކަށް ޕާޓީގެ ސަރުކާރެއް އޮންނަ އިރު ސަރުކާރު ވައްޓާލަން ރޭވުމުގައި އަމަލީ ގޮތުން ބައިވެރިވެ އިސް ދައުރެއް އަދާކުރުންފަދަ ނުވަތަ ޕާޓީއަށް ނިސްބަތްވާ ރައީސްގެ އަގު ވެއްޓޭ ގޮތަށް މަސައްކަތް ކުރުން ކަހަލަ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، އެފަދަ މީހުން ޕާޓީއަށް އަލުން އަނބުރާ ވަނުމަށް ވަޑައިގެންފިނަމަ ޕާޓީއަށް ވަނުމަށް އަލުން ހުށަހެޅޭނީ ފަސް އަހަރު ދުވަސް ފަހުން ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އޭނާގެ އަމަލުތައް މޮނީޓާ ކުރުމަށްފަހު ނޫނީ ޕާޓީއަށް އަލުން ނުވައްދާނެ ކަމަށެވެ.

އަދުރޭ ވިދާޅުވީ، ޕާޓީއަށް އަލުން އަނބުރާ ވައްދާ ފަރާތްތަކުން، ޕާޓީއަށް ވައްދާތާ ފުރަތަމަ ފަސް އަހަރު ގައުމީ އެއްވެސް އިންތިހާބެއްގައި ޕާޓީގެ ޓިކެޓްގައި ވާދައެއް ނުކުރެވޭނެ ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ވެސް ވާދަ ނުކުރެވޭނެ ކަމަށާއި ޕާޓީގެ އެއްވެސް ހަރަކާތެއްގައި އިސް ދައުރެއް އަދައެއް ނުކުރެވޭނެ ކަމަށެވެ. މިއީ ފުރަތަމަ ދަރަޖައިގެ މީހުންނަށް އަމަލު ކުރާނެ ގޮތް ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، އިތުރު ދަރަޖަތަކުގެ މީހުންނަށްވެސް އަމަލު ކުރާނީ އެއް އުސޫލަކުން ކަމަށާއި ނަމަވެސް ޕާޓީއަަށް ވެއްދުމުގެ މުއްދަތާއި އިންތިހާބުތަކުގައި ބައިވެރިވުމުގެ މުއްދަތުތައް ތަފާތުވާނެ ކަމަށެވެ. އަދި ވިދާޅުވީ، މިއީ ތަޖުރިބާ ތަކަކަށްފަހު އެކުލަވާލި މުހިންމު ގަވާއިދުތަކެއް ކަމަށެވެ.

"ތަޖުރިބާތަކުގެ ތެރެއިން ބައެއް މިސާލުތައްވެސް ދަންނަވާލާނަން، މިސާލަކަށް އިލްހާމް އަހުމަދު، ކުރީގެ ދަނގެތީ ދާއިރާގެ މެންބަރު، އެބޭފުޅާއަކީ ޕާޓީގެ ކޮންގްރެސްގައި ޕާޓީގެ ނައިބް ރައީސް ކަމަށް ހޮވިވަޑައިގެންނެވި ބޭފުޅާ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެންމެ މުހިންމު ދުވަސްވަރު ޕާޓީ ދޫކުރައްވާ ވަޑައިގެން ޖޭޕީއާ ގުޅިވަޑައިގެންނެވީ، އަނެއްކާ މިދިޔަ އަހަރުގެ ކުރީކޮޅުގައި ޕީޕީއެމާއި ގުޅުނީ، ގުޅިފައި ޕާޓީއަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއްދީފައި ޕާޓީން ކެނޑުނީ، މިކަހަލަ ކަންތައްތަކުން ތަޖުރިބާތަކެއް ކުރެވުނީމަ އަޅުގަނޑުމެން ބޭނުންވީ ކުޅޭ ކުޅޭ ގޮތައް ޕާޓީއަށް މީހުން ވަދެ ނިކުމެ ހެދޭ އުސޫލް ނުހިނގާނެ ގޮތަކަށް ކަންކަން ބައްޓަން ކުރުން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، މިއީ ސިޔާސީ ޕާޓީތަކުގައި ކޮންމެހެން އޮންނަން ޖެހޭ ގަވާއިދެއް ކަމަށެވެ. މިއީ މިހާރު ޕާޓީތަކުން އެކުލަވާލަން ކޮންމެހެންވެސް މުހިންމު ގަވާއިދެއް ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

"ދެން އުފެދިދާނެ ސުވާލަކީ ޕާޓީތަކާބެހޭ ގާނޫނުގައި ބުނެއޭ، ގާނޫނު އަސާސީގައި ބުނެއޭ ކޮންމެ މީހަކުވެސް އެމީހަކު ބޭނުންވާ ޕާޓީއަކަށް ވަނުމުގެ ހައްގު ލިބިގެންވޭ، ހަމަ ޕާޓީއަށްވެސް އެ ހަގުތަކެއް ލިބިގެންވޭ، ހަމައެކަނި އެމީހާއަކަށްނޫން ހައްގުތައް ލިބިގެންވަނީ، ޕާޓީއަށް ހައްގުތަކެއްވެސް ލިބިގެންވޭ އެހެންވެ އެފަދަ ގެއްލުންދޭ ފަރާތްތަކާމެދު އަމަލު ކުރާނެ ގަވާއިދެއް އެކުލަވާލީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، މި ގަވާއިދު އެކުލަވާލާފައިވަނީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 14 ވަނަ މާއްދާއަށް ވެސް ބާރު ލިބިގެން ކަމަށެވެ.

ޕީޕީއެމަކީ މިވަގުތު ރާއްޖޭގައި އެންމެ ގިނަ މެންބަރުން ރެޖިސްޓާ ކޮށްފައިވާ ޕާޓީއެެވެ. އެޕާޓީގައި 40،000 އަށްވުރެ ގިނަ މެންބަރުން ތިބި ކަމަށް އިލެކްޝަން ކޮމިޝަންގެ ދަފުތަރުން ދައްކަ އެވެ.