ރާއްޖެ ކުޅިވަރު

މާޒިޔާގެ ކޯޗަކަށް ހުންނާނީ ސުޒޭން: ކްލަބް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗުކަމުން އަލީ ސުޒޭން ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށާއި އެ ކްލަބްގެ ވިސްނުން ހުރީ އަންނަ ސީޒަންގައި ވެސް ސުޒޭންއާއެކު ކުރިއަށް ދާން ކަމަށް އެ ކްލަބުން ބުނެފި އެވެ.

ކޯޗިންއާ ދުރުގައި ދުވަސްކޮޅެއް ހޭދަކުރުމަށް ފަހު، ސުޒޭން މާޒިޔާގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ސީޒަންގެ ކުރީކޮޅު އެވެ. ސުޒޭންގެ އިރުޝާދުގެ ދަށުން މާޒިޔާ ވަނީ މިދިޔަ ސީޒަންގެ އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. ދިރާގު ދިވެހި ލީގު މާޒިޔާ ނިންމާލީ ދެވަނައިގަ އެވެ.

މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބް ވިދާޅުވީ އެ ކްލަބްގެ ވިސްނުން ހުރީ ސުޒޭނާއެކު ކުރިއަށް ދިއުމަށް ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ވިސްނުމެއް ނެތް ސުޒޭން ބަދަލުކުރާކަށް. އަޅުގަނޑުމެންގެ ވިސްނުން ހުރީ ސުޒޭނާއެކު ކުރިއަށް ދިއުމަށް. މިދިޔަ ސީޒަންގައި ސުޒޭންގެ އިރުޝާދުގެ ދަށުން މާޒިޔާ އިން ނެރުނު ނަތީޖާއާމެދު އަޅުގަނޑުމެން ހިތްހަމަޖެހޭ. ސުޒޭނަށް އަޅުގަނޑުމެން އިތުބާރުކުރަން،" ވައްހާބް ވިދާޅުވި އެވެ.

މާޒިޔާ އިން މިހާރު ދަނީ އަންނަ ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްކޮޑްގައި ތިބި ކުޅުންތެރިންގެ ކޮންޓުރެކްޓް އާކުރުމާއި، އިތުރު ކުޅުންތެރިންގެ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ކްލަބުން ބުނެ އެވެ.