ހޮލީވުޑް

ޒެކް ސްނައިޑާގެ އާ ޕްރޮޖެކްޓް އިއުލާނުކޮށްފި

"ޖަސްޓިސް ލީގް" އާއި "ބެޓްމޭން ވާސަސް ސުޕަމޭން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު، ޒެކް ސްނައިޑާ އޭނާގެ އާ ޕްރޮޖެކްޓު އިއުލާނުކޮށްފި އެވެ.

ޒެކް މިފަހަރު ޑައިރެކްޓުކުރަނީ 1943 ވަނަ އަހަރު ނިކުތް ވާހަކަ ލިޔުންތެރިޔާ އޭން ރޭންޑްގެ ފިލޯސޮފިކަލް ފިކްޝަން ވާހަކަ "ދަ ފައުންޓެއިންހެޑް" އަށް ތައްޔާރުކުރާ ފިލްމެވެ. މި ފިލްމުގެ މަސައްކަތް ކުރަން ނިންމާފައިވާކަން ޒެކް ހާމަކުރީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ވީރޯ" ގައި ފޭނަކު އޭނާއަށް ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

"ދަ ފައުންޓެންހެޑް" އަކީ އޭންގެ އެންމެ ކާމިޔާބު ވާހަކަ އެވެ. މި ވާހަކައަށް 1949 ވަނަ އަހަރުވެސް ފިލްމެއް އުފައްދާފައިވެ އެވެ. ގެރީ ކޫޕާ އާއި ޕެޓްރިކާ ނީލް ލީޑުން ފެނިގެންދިޔަ އެ ފިލްމު ޑައިރެކްޓުކުރީ ކިންގް ވިޑޯރް އެވެ. ވާނާ ބްރޯސް އިން ތައްޔާރުކުރި އެ ފިލްމު ވެގެންދިޔައީ ގިނަ ބައެއް ފާޑުކިޔުންތައްވެސް ލިބުނު ފިލްމަކަށެވެ.

އެ ފިލްމަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ފިލްމުގެ ވާހަކައަކީ ރޭޕް އާއި ޖިންސީ ފުރައްސާރަ ކުރުމަށް ހިތްވަރުދޭ ގޮތައް ލިޔެފައިވާ ވާހަކައެއް ކަަމަށް ބުނެ އެވެ. މި ވާހަކާގައި އަންހެނަކާއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގާ ވާހަކަތަކެއް ލިޔެފައިވެ އެވެ.

މިފަދަ ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް މި ވާހަކައަކީ ދުނިޔޭގައި އެންމެ ގިނައިން ވިކުނު ވާހަކަތަކުގެ ލިސްޓުން ޖާގަ ހޯދާފަައިވާ ވާހަކައެކެވެ. މިހާތަނަށް މި ވާހަކައިގެ 6.5 މިލިއަން ކޮޕީ ވިއްކާފައިވެ އެވެ.

ފިލްމުގެ މަސައްކަތް އޮތީ ކިހާ ހިސާބެއްގައި ކަމާއި ފިލްމާއި ގުޅޭ އިތުރު ތަފްސީލެއް ޒެކް ހާމަކޮށްފައެއް ނުވެ އެވެ.

ޒެކް އެންމެފަހުން ޑައިރެކްޓުކުރީ މިދިޔަ އަހަރު ނިކުން ޑީސީ ސުޕަހީރޯ ފިލްމު "ޖަސްޓިސް ލީގް" އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 657 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.