ހޮލީވުޑް

"ހެރީ ޕޮޓާ"ގެ ރޯލާމެދު އެލަން ހިތްހަމަނުޖެހުނު

މަޝްހޫރު ފިލްމު ސީރީޒް "ހެރީ ޕޮޓާ" ގައި ޕްރޮފެސާ ސިވެރަސް ސްނޭޕްގެ ރޯލުން ފެނިގެންދިޔަ އެކްޓަރު އެލަން ރިކްމަން އޭނާ ކުޅުނު ރޯލާއި މެދު ހިތްހަމަ ނުޖެހުނުކަން ހާމާވެއްޖެ އެވެ.

އުމުރުން 69 އަހަރުގައި ކެންސަރަށް ފަރުވާ ކުރަމުން ދަނިކޮށް އެލަން މަރުވީ 2016 ވަނަ އަހަރު ޖެނުއަރީގަ އެވެ. އޭގެ ދެ އަހަރު ފަހުން މިހާރު ވަނީ އެލަންގެ ގެންގުޅު ބައެއް އަމިއްލަ އެއްޗެހި ނީލަން ކިޔުމަށް ލަންޑަންގައި ބާއްވަމުން އަންނަ އޭބީއޭ ރެއާ ބުކް ފެއާއަށް ލާފަ އެވެ.

މި ބުކް ފެއާއަށް އެކްޓާ ނީލް ޕިއާސަންގެ ލީ އެލަންގެ ބައެއް އަމިއްލަ ސާމާނުގެ ތެރޭގައި އޭނާގެ ސްކްރިޕްޓުތަކާއި ފޮޓޯތަކާއި ސިޓީތަކާއި އަދި ޕާސަނަލް ޑައިރީތައް ވެސް ހުއްޓެވެ.

ސިޓީތަކުގެ ތެރޭގައި ހެރީ ޕޮޓާ ފިލްމުގެ ޕްރޮޑިއުސަރު ޑޭވިޑް ހޭމަން، އޭލަންއަށް އެ ފިލްމުގައި ކުރި މަސައްކަތައް ޝުކުރު އަދާކޮށް ލިޔެފައިވާ ސިޓީއެއް އޮތެވެ. ޑޭވިޑް އެ ސިޓީގައި ބުނެފައިވާ ގޮތުން ބައެއް ފަހަރު އޭލަން އޭނާގެ ރޯލާއި މެދު ހިތްހަމަ ނުޖެހޭކަން އޭނާއަށް އެނގޭކަމަށް ބުނެފައިވެ އެވެ. ނަމަވެސް އޭލަންގެ އެކްޓިންނަށް ޑޭވިޑް ވަނީ ތައުރީފުކޮށްފަ އެވެ.

އެހެން ބައެއް ސިޓީތަކުގައި ވެސް އޭނާގެ ރޯލާއި މެދު ހިތްހަމަނުޖެހިފައި ހުންނަ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ.