ބޮލީވުޑް

ސަންޖޫ ޓްރެއިލާ: ރަންބީރް ނޫން މީހަކަށް މި ނުކުޅެވޭނެ!

"ސަންޖޫ" ގެ އޮފިޝަލް ޓްރެއިލާ.

މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ބޮލީވުޑްގެ ފިލްމު "ސަންޖޫ" ގެ ޓްރެއިލާ އާންމުކޮށްފި އެވެ. މި ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތް ހަޔާތުގެ މައްޗަށް ތައްޔާރުކޮށް ގެނެސްދޭ ބަޔޮޕިކް ފިލްމެކެވެ.

ފިލްމު ޓްރެއިލާ އާންމު ކުރުމާއެކު އެންމެ ގިނަ ބައެއްގެ ތައުރީފު އޮހެމުން އަންނަނީ މި ފިލްމުގައި ސަންޖޭ ދަތްގެ ރޯލު ކުޅޭ ރަންބީރް ކަޕޫރް އަށެވެ. ޓްރެއިލާއިން އެކަނިވެސް އޭނާގެ ކުޅަދާނަ އެކްޓިން ފެނިގެންދެ އެވެ. ރަންބީރް ނޫން މީހާކަށް މި ރޯލު ނުކުޅެވޭނެ ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ޝޯޝަލް މީޑިއާގައި ބުނަމުންނެވެ.

ފޮކްސް ސްޓާ ސްޓޫޑިއޯ އާއި ޓުވެންޓިއެތް ސެންޗުރީ ފޮކްސް ގުޅިގެން ގެނެސްދޭ މި ފިލްމު ޑައިރެކްޓުކުރަނީ ރާންޖްކުމާރް ހިރާނީ އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ރާންޖްކުމާރް އާއެކު ވިދޫ ވިނޯދް ޗޯޕްރާ އެވެ. ފިލްމު ރިލީޒްކުރާނީ އަންނަ މަހު 29 ގަ އެވެ.

ފިލްމުގެ ފުރަތަމަ ޓީޒާ އާންމު ކުރުމުންވެސް ރަންބީރްއަށް ގިނަ ތައުރީފުތަކެއް ލިބުނެވެ. ބައެއް މީހުނަށް ޓިޒާއިން ފެންނަނީ ރަންބީރް ތޯ ނޫނީ ސަންޖޭތޯ ވަކިކުރަން ނޭގެންވެސް އުޅުނެވެ. ސަންޖޭގެ ކެރެކްޓާ ރަންބީރް ދައްކުވައިދީފައި ވަނީ އެހާވެސް މޮޅުކޮށެވެ.

ސަންޖޭ ދަތުގެ ހަޔާތުގެ މުހިންމު ތިން ދުވަސްވަރެއްގެ ކަންތައްތަކެއް މި ފިލްމުގައި ފެނިގެންދާނެ އެވެ. މި ފިލްމުގައި އެންމެ ބޮޑަށް އަލިއަޅުވާލާފައި ވަނީ ނުވަ ދިހައިގެ ކުރީކޮޅު ސަންޖޭ ތަރިއެއްގެ ގޮތުގައި ވިދާލި ގޮތާއި މަސްތުވާތަކެތީގެ ވަބާގައި ޖެހި އޭނާގެ ދިރިއުޅުމަށް އައި ބަދަލުތަކަށެވެ.

މީގެ އިތުރުން އަތުގައި ގެންގުޅުން މަނާ ހަތިޔާރެއް ބާއްވައިގެން އޭނާގެ ހައްޔަރުކުރި ދުވަސްވަރު ހިނގައިދިޔަ ކަންތައްތަވެސް ފެނިގެންދާނެ އެވެ. އެ ދުވަސްވަރު ސަންޖޭ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަަލާއިން ގެ ވާހަކަ މި ފިލްމުގައި ހިމަނާފައިވާއިރު، އެ ބައިތަކުން ފެނިގެންދާނީ ބަތަލާ ސޯނަމް ކަޕޫރާއި އަނުޝްކާ ޝަރްމާ އަދި ޓީވީ ތަރި ކަރިޝްމާ ތަންނާ އެވެ.

ސަންޖޭގެ މިހާރުގެ އަންހެނުން މާނިޔަތާ ދަތްގެ ރޯލުން ފެނިގެންދަނީ ދީއާ މިރްޒާ އެވެ. އަދި މަަންމަގެ ރޯލުން މަނީޝާ ކޮއިރަލާ ފެނިގެންދާނެއިރު އޭނަގެ ބައްޕަ ސުނިލް ދަތްގެ ރޯލުން ފެނިގެންދަނީ ޕަރޭޝް ރާވަލް އެވެ.

ސަންޖޭގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ރަންބީރު ވަނީ ބަރުދަން އިތުރުކޮށް ގައިގެ މަސްތައް ވެސް ވަރުގަދަކޮށްލާފަ އެވެ. އަދި ސަންޖޭގެ ޒުވާން ދުވަސްވަރުގެ ރޯލު ކުޅުމަށް ބަރުދަން ލުއިކޮށް ހިއްކާލާފަ އެވެ.