ދުނިޔެ

އައިއެމްއެފުން އަންގައިގެން ޓެކްސް ބޮޑުކުރާތީ އުރުދުން ހަޅުތާލުގައި

އިންކަމް ޓެކްސް ބޮޑުކުރާ ގޮތަށް ގާނޫނެއް ފާސްކުރަން އުޅޭތީ އެކަމާ ދެކޮޅު ހަދަން އުރުދުންގައި މިއަދު ބޮޑު ހަޅުތާލެއް ކޮށް ވިޔަފާރިތައް ބަންދުކޮށްފި އެވެ.

އަލްޖަޒީރާ ބުނީ ހަޅުތާލު ކުރުމުގެ ގޮތުން އުރުދުންގެ ފިހާރަތަކާއި ވިޔަފާރި މަރުކަޒުތައް އެތައް ގަޑި އިރެއް ވަންދެން ހުރީ ބަންދުކޮށްފައި ކަމަށެވެ. އަދި ބުނީ މިއަދުގެ ހަޅުތާލުގައި އުރުދުންގެ 33 ޓްރޭޑް ޔޫނިއަނަކާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވި ކަމަށެވެ.

އުރުދުންގައި ޓެކްސްގެ ގާނޫނަށް ބަދަލުކުރަން ނިންމީ އިންޓަނޭޝަނަަލް މަނިޓަރީ ފަންޑުން އެކަމަށް ލަފާދީފައި ވަނިކޮށެވެ.

އިންކަމް ޓެކްސް ބޮޑުކުރަން އުޅެނީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތައް ނާކާމިޔާބުވުމުން އެކަން ފޮރުވަން ކަމަށް ހަޅުތާލުކުރި މީހުން ތުހުމަތު ކުރިއެވެ. ވެރިރަށް އައްމާންގައި މުޒާހަރާކުރި އެތައްހާސް މީހުންނެއް ގޮވަމުން ދިޔައީ ބޮޑުވަޒީރު ހާނީ އަލް މުލްކީގެ ސަރުކާރު އިސްތިއުފާ ދިނުމަށެވެ.

އުރުދުންގައި އަލަށް ޑްރާފްޓްކުރި ބިލް ގާނޫނަކަށް ވުމުން އިންކަމް ޓެކްސް ދައްކަން ޝަރުތުހަމަވާ މީހުންގެ އާމްދަނީގެ 25 ޕަސެންޓް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނެއެވެ. އަދި ވިޔަފާރިތަކާއި ކުންފުނިތަކުން ދައްކަން ޖެހޭ ޓެކްސްވެސް އެބިލު ގާނޫނަކަށް ވުމުން ބޮޑުވެގެންދާނެއެވެ.

އުރުދުންގެ އިންކަމް އެންޑް ސޭލްސް ޓެކްސް ޑިޕާޓްމަންޓުން ބުނީ އާ ގާނޫނުގެ އަސަރު ކުރާނީ އެގައުުމުގެ އާބާދީގެ މަދު ބަޔަކަަށް ކަމަށެވެ. އަދި ބުނީ އާ ގާނޫނުގެ ބޭނުމަކީ ޓެކްސަށް މަކަރުހެދުން ހުއްޓުވުން ކަމަށެވެ.