ރާއްޖޭގެ ގައުމީ ޓީމުގެ ގޯލްކީޕަރު އަދި ފާއިތުވި ތިން ސީޒަންގައި ނިއު ރޭޑިއަންޓްގެ ގޯލު ބެލެހެއްޓި ގޯލްކީޕަރު އިމްރާން މުހައްމަދު މާޒިޔާއާ ގުޅެން އެއްބަސްވުމަކާ ގާތަށް ހިނގައްޖެ އެވެ.
ރާއްޖޭގެ އެއްވަނަ ގޯލްކީޕަރު އިމްރާންއާއެކު މަޝްވަރާ ކުރަމުންދާ ކަމަށް މާޒިޔާ އިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެކަމަކު އަދި އެއްބަސްވުމެއްގައި ސޮއިނުކުރާ ކަމަށް އެ ކްލަބުން ބުނެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އެގްރީމަންޓްގައި ސޮއިނުކުރި ނަމަވެސް، އިމްރާނާއި މާޒިޔާއާމެދު މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފަ އެވެ. އަދި ވަރަށް އަވަހަށް އިމްރާން މާޒިޔާ އަށް ސޮއިކުރާނެކަން ވަނީ އެނގިފަ އެވެ.
ނިއުގެ އެއްބަސްވުން އާކުރުމާމެދު ގޮތެއް ނުނިންމާ ކަމަށާއި އެހެން ކްލަބަކުން އަންނަ ސީޒަންގައި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް އިމްރާން ވަނީ މިދިޔަ ސީޒަނަށް ފަހު ބުނެފަ އެވެ.
ފާއިތުވި ދެ ސީޒަންގައި ނިއުގެ ކެޕްޓަންކަންކުރި އިމްރާނަކީ ފާއިތުވި ތިން ސީޒަންގައި އެ ކްލަބުން ހޯދި ކާމިޔާބީތަކުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއާ އެވެ. ސީޒަންގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ނިއު އިން 2013 ވަނަ އަހަރު ތިން ތަށި ކާމިޔާބުކުރިއިރު އެ ކާމިޔާބީގައި އިމްރާންގެ ހިއްސާ ބޮޑެވެ.
އީގަލްސް އިން 1999 ވަނަ އަހަރު ކެރިއަރު ފަށައި، އިމްރާން ދެން ބަދަލުވީ ވިކްޓަރީއަށެވެ. ވިކްޓަރީ އަށް 2009 ވަނަ އަހަރާ ހަމައަށް ކުޅުމަށް ފަހު، އޭނާ ވަނީ ވީބީ އައްޑޫ އެފްސީ އަށް ކުޅެފަ އެވެ. ވީބީ ދޫކޮށް އޭނާ ނިއު އަށް ބަދަލުވީ 2012 ވަނަ އަހަރުގެ ސީޒަނަށެވެ.