ދުނިޔެ

ވަންއެމްޑީބީ މައްސަލަ ބަލަން ސިންގަޕޫރު ފުލުހުން އެހީވަނީ

މެލޭޝިއާގެ ކުރީގެ ސަރުކާރުން ގާއިމް ކުރި ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބަރުހާދު (ވަންއެމްޑީބީ) ގެ ފައިސާގެ ތެރެއިން އެތައް ބިލިޔަން ޑޮލަރެއް ގެއްލިފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގަށް އެހީތެރިވާން އަވަށްޓެރި ސިންގަޕޫރު ފުލުހުންގެ ބަޔަކު މެލޭޝިއާއަށް ހިނގައްޖެ އެވެ.

ސިންގަޕޫރު ފުލުހުންނާ ހަވާލާދީ ރޮއިޓާސް ބުނީ ސިންގަޕޫރު ފުލުހުންގެ ޓީމެއް މެލޭޝިއާއަށް ގޮސް އުޅެނީ މެލޭޝިއާ ފުލުހުން އެކަމަށް އެދިގެން މަށެވެ.

"މެލޭޝިއާ ފުލުހުން އެދުނީ އެމީހުން ކުރަމުން އަންނަ ވަންއެމްޑީބީ މައްސަލައިގެ ތަހުގީގުގައި އެހީތެރިވާން. ދެން އަޅުގަނޑުމެން އެއްބަސްވީ ކުއާލަަލަމްޕޫރުގައި ބައްދަލުވުމެއް ބާއްވަން،" ރޮއިޓާސްއަށް އީމެއިލް އިން ދެއްވި ޖަަވާބެއްގައި ސިންގަޕޫރު ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވެފައި ވެއެވެ.

ވަންއެމްޑީބީ މައްސަލައިގެ ތަހުގީގެއް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި) އިން ވެސް އަންނަނީ ކުރަމުންނެވެ. އެތަހުގީގުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާ ވެސް މެލޭޝިއާ ފުލުހުން ބައްދަލުކުރި ކަމުގެ ހަބަރު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފެތުރުނެވެ.

ވަން އެމްޑީބީ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވެނީ ކުރީގެ ބޮޑުވަޒީރު ނަޖީބު އަބުދުއް ރައްޒާގަށެވެ. ނަމަވެސް އޭނާ ވިދާޅުވަމުން ގެންދަވަނީ އެ ފަންޑުގެ ކަންތަކުގައި އެއްވެސް ކަމެއް ގޯސްކޮށް ކުރައްވާފައި ނުވާނެ ކަމަށެވެ.

ވަން އެމްޑީބީގެ ޓްރާންސެކްޝަންތައް ހެދުމުގައި މަނީ ލޯންޑްރިންއާ ދެކޮޅު ފިޔަވަޅުތައް އަޅާފައި ނުވާތީ ސިންގަޕޫރު ސަރުކާރުން ވަނީ އެގައުމުގެ އެތައް ބޭންކަކާއި ބޭންކް އޮފިޝަލުންނަކާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. އެގޮތުން ބީއެސްއައި ބޭންކާއި ފެލްކަން ބޭންކްގެ ބައެއް ޔުނިޓްތައް ބަންދުވެސް ކުރިއެވެ.