ކުޅިވަރު

ރާއްޖެ ހިމެނޭ އާފެޑްރޭޝަނަށް ޝަރަތުތަކާއެކު ހުއްދަދީފި

ރާއްޖެ އާއި ދެކުނު އޭޝިއާގެ ފަސް ގައުމާއި ހުޅަނގު އޭޝިއާގެ ފުޓްބޯޅައިގެ ފަސް ގައުމު ހިމެނެ ގޮތަށް ސައުދީ އަރައްބިއްޔާއިން އުފައްދަން މަސައްކަތް ކުރާ ސައުތު ވެސްޓް ފުޓްބޯލް ފެޑްރޭޝަން (ސްވާފް) އުފެއްދުމުގެ ހުއްދަ ޝަރުތު ތަކާއެކު އޭއެފްސީން ދީފި އެވެ.

ސައުދީން އިސްވެ އުފެއްދުމަށް މަސައްކަތް ކުރާ ސްވާފް ލޯންޗު ކުރުމަށް ބޭއްވި ބައްދަލުވުމަށް މި ސަރަހައްދުން، ބޫޓާން އާއި ނޭޕާލް ފިޔަވައި އަނެއް ފަސް ގައުމުން ވެސް ހާޒިރު ވިއެވެ.

ސްވާފް ލޯންޗު ކުރުމަށްފަހު، ވޭތުވެދިޔަ ތިން ހަފުތާ ތެރޭ ސައުދީން ވަނީ އޭއެފްސީއާއެކު ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ. އަދި ސްވާފްގެ ޕްރަޕޯސަލްއާ ބެހޭގޮތުން ފީފާއަށް ވެސް ސައުދީން ހުށަހެޅި އެވެ. ފެްޑްރޭޝަން އުފެއްދުމާ ބެހޭގޮތުން ފުރަތަމަ މަރުހަލާގެ އެންމެ ފަހު ބައްދަލު ވުމަށް، ސައުދީން ވަނީ މިއަދު ތައްޔަރުވެފަ އެވެ. އެ ބައްދަލުވުމަށް ސްވާފްގައި ހިމެނޭ 10 ގައުމުގެ ފުޓްބޯޅައިގެ އިސް ފަރާތްކަށް ސައުދީން ވަނީ ދައުވަތު ދީފަ އެވެ.

"ހީވާ ގޮތުން މިއީ ފެޑްރޭޝަން އުފެއްދުމާ ބެހޭގޮތުން ބާއްވާ އެންމެ ފަހުގެ ބައްދަލުވުން ސަބަބަކީ ފީފާ އަދި އޭއެފްސީންވެސް ވަނީ އެ ފެޑްރޭޝަން އުފެއްދުމާމެދު އިއުތިރާޒެއް ނެތް ކަމަށް ބުނެފަ." ބައްދަލުވުމުގައި ބައިވެރިވާ ގައުމެއްގެ ފުޓްބޯޅަ އިދާރާގެ އޮފިޝަލަކު ވިދާޅު ވެފައި ވެއެވެ.

ސްވާފް އުފެއްދުމާ ބެހޭގޮތުން ކުރިން އޭއެފްސީއިން ދިނީ އެހާ އީޖާބީ ޖަވާބެއް ނޫނެވެ. ނަމަވެސް ތިން ހަފުތާއަށް ދެމިގެން ދިޔަ މަޝްވަރާތަކަށް ފަހު އޭއެފްސީން ވަނީ ޝަރުތުތަކެއް ކުރިމަތިކޮށް ސައުދީއަށް އެ ހުއްދަ ދީފަ އެވެ. މިދިޔަ ހަފުތާގައި އޭއެފްސީގެ ރައީސް ސަލްމާން ބިން އިބްރާހިމް އަލް ހަލަފީ ވަނީ ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް އަދީލް އިއްޒަތުއާ ބައްދަލު ކުރައްވާފަ އެވެ.

އޭއެފްސީން ކޮށްފައިވަ ޝަރުތަކީ، މިހާރު އޭއެފްސީގައި ހިމެނޭ ފަސް ޒޯނަށް ނިސްބަތްވާ ސަބް ފެޑްރޭޝަންތަކަށް އަސަރު ނުކުރާނެ ގޮތަށް ސްވާފް އުފެއްދުމެވެ. މާނައަކީ، ސްވާފްގައި ރާއްޖެ ހިމެނުނު ނަމަވެސް އޭއެފްސީގައި ރާއްޖެއިން ރަސްމީކޮށް ތަމްސީލު ކުރާ ސާފަށް ބަދަލެއް ނާންނާނެ އެވެ. އަދި ސާފް ޗެމްޕިއަންޝިޕަށް ވެސް ބަދަލެއް ނާންނާނެ އެވެ.

"އަހަރެން ހިތްހަމަ ޖެހޭ އިއްޒަތު ދިން ގެރެންޓީާއެމުދު ސްވާފް އުފައްދައިގެން އޭއެފްސީ ފަސް ޒޯން އިރުމަތި ހުޅަނގު ދެކުނު މެދުތެރެ އަދި އާސިންއާންއަށް އަސަރު ނުކުރާނެ ކަން، އަދި އެ ފެޑްރޭޝަންތަކުގެ މުބާރާތްތަކަށްވެސް އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ." އޭއެފްސީގެ ރައީސް ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ސައުދީ އަރަބިއްޔާއިން ޕްލޭން ކޮށްފައި އޮތީ ވޯލްޑްކަޕަށް ފަހު ސްވާފްގެ ފުރަތަމަ ކޮންގްރެސް ބާއްވާށެވެ.